އިންގިރޭސިވިލާތުގެ ވިޔަރީއާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ގްރެގަރީ ވިލިއަމް ހޭންޑްސްއާއި އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު ބައްދަލު ކުރައްވައިފިއެވެ.
ވަޒީރު މުހައްމަދު ސައީދު އިންގިރޭސިވިލާތައް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ރާއްޖެއާއި އިންގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާ ކުރެއްވިއެވެ.
ވަޒީރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީ ކުރުމަށް އިނގިރޭސިވިލާތުގެ ތަޖުރިބާ ހޯއްދަވާނެ ކަމަށެވެ. އަދި އެ ޤައުމާއެކު ސޮއިކުރުމަށް މަސައްކަތް ކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އިތުރަށް ފުޅާ ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
Delighted to meet Min @greghands. Discussion focused on deepening trade & investment relations between 🇲🇻&🇬🇧. Seeking UK’s experience in developing the financial services industry & broadening the scope of FTA remains a priority of Pres @MMuizzu pic.twitter.com/Y7u56HjKpt
— Mohamed Saeed (@em_saeed) May 15, 2024
"'ކޮމަންވެލްތް ޓްރޭޑް އެންޑް އިންވެސްޓްމަންޓް ރައުންޑް ޓޭބަލް"ގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ސައީދު އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބޭނުމަކީ އިނގިރޭސިވިލާތުގެ މާލީ ވުޒާރާތަކުގެ އެހީތެރިކަން ރާއްޖޭގެ މާލީ ދާއިރާއަށް ހޯދައި އެކަމަށް މަގުފަހިކުރުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސަރވިސް އޮޓޯރިޓީއާއި، ޑިވެލޮޕްމަންޓް ބޭންކްއާ ގުޅޭ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަމަށް މަގުފަހިކުރާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.