ކުޅިވަރު

ހިތްވަރުގަދަ ދީމާ ދިވެހި ގައުމާއެކު އޮލިމްޕިކްސްއަށް


ނޭޕާލުގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފިކޭޝަންގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހޯދައި، ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އޮލިމްޕިކްސްއަށް ކޮލިފައިވެއްޖެއެވެ.

މި އާއެކު ދީމާ ވަނީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުން ޖާގަ ހޯދާފައެވެ. އެގޮތުން ދީމާ ވެފައިވަނީ އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓަށެވެ.

އެހެން ފަހަރުތަކާ ޚިލާފަށް މި ފަހަރު ދީމާ މި ފުރުސަތު ހޯދީ ކޮލިފިކޭޝަން ބުރެއް ފަހަނައަޅައި ގޮސްގެންނެވެ. މީގެކުރިން ރާއްޖެއަށް މުޅިންވެސް އޮލިމްޕިކްސްއިން ފުރުސަތު ލިބިފައިވަނީ، ކޮލިފައިނުވާ ގައުމުތަކުގެ ތެރެއިން ލިބޭ އިންވިޓޭޝަނަލް ފުރުސަތެއްގެ ތެރެއިންނެވެ.

ދީމާ އޮލިމްޕިކްސްއިން ޖާގަ ހޯދީ ނޭޕާލުގައި ކުރިއަށްދިޔަ ކޮލިފިކޭޝަނުގެ ފައިނަލުގައި ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ 4-1 ސެޓުން ބަލިކޮށްގެންނެވެ. މިއަދު ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި ދީމާ ވަނީ ބޮޑު އިތުބާރަކާއެކު 11-8 އިން ކާމިޔާބުކޮށްފައެވެ. ނަމަވެސް ދެވަނަ ސެޓުގައި ދީމާއަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގައި، ބިމަންދީ ވަނީ 11-7 އިން ސެޓު ކާމިޔާބުކޮށްފައެވެ.

ތިންވަނަ ސެޓު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ނަމަވެސް ގަދަ ހިތްވަރާއެކު ކުރި މަސައްކަތުން ދީމާ ވަނީ މި ސެޓު 13-11 އިން ކާމިޔާބުކޮށްފައެވެ. އަދި ހަތަރުވަނަ ސެޓު ދީމާ ކާމިޔާބުކުރީ 11-7 އިންނެވެ. ފަސްވަނަ ސެޓު ފަށައިގެން ތިން ޕޮއިންޓްގެ ލީޑެއް ދީމާ ހޯދުމާއެކު، ބަންޑާރާ ވަނީ ޓައިމް-އައުޓެއް ނަގާފައެވެ. ޓައިމް-އައުޓަށްފަހުވެސް ދީމާ ވަނީ ކުރީގެ ކުޅުން ތަކުރާރުކޮށް ލީޑު ހިފަހައްޓާފައެވެ. އެއާއެކު މި ސެޓު ދީމާ ކާމިޔާބުކުރީ 11-5 އިންނެވެ.

މި މޮޅާއެކު އަންނަ ޖުލައި މަހު ފްރާންސްގެ ވެރިރަށް ޕެރިހުގައި ފަށާ އޮލިމްޕިކް ގޭމްސްއިން ދީމާއަށް ފުރުސަތު ލިބިގެންދިޔައިރު، ދީމާ އަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަރޝިޕް ލިބުނު އެތުލީޓެކެވެ.

ކޮލިފިކޭޝަނުގައި އިންޑިއާ ފިޔަވައި، ސަރަހައްދުގެ ހުރިހާ ގައުމަކުން ވަނީ ވާދަކޮށްފައެވެ. އަދި މި ކޮލިފިކޭޝަނުގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ބައިވެރިވިއެވެ. އެއީ ދީމާގެ އިތުރުން މިޝްކާ މުޙައްމަދު އިބްރާހީމާއި، މޫސާ މުންސިފް އަޙްމަދު އަދި އަޚްޔަރު އަޙްމަދު ޚާލިދެވެ.