ކުޅިވަރު

ބައެއް އެސޯސިއޭޝަންތަކުން ގާނޫނާ އެއްގޮތަށް އަމަލެއް ނުކުރޭ: ޠަލާލް


ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ބައެއް އެސޯސިއޭޝަންތަކުން ގާނޫނާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ކުޅިވަރު އެސޮސިއޭޝަންތަކުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، މި ފަހުން ޠަލާލް ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގެ އިންތިޚާބު ހުއްޓުވާފައެވެ. އަދި މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިޚާބާ ގުޅިގެންވެސް ގިނަ މައްސަލަތަކެއް ފެންމަތިވިއިރު، އެ އެސޯސިއޭޝަނުން އިންތިޚާބު ބޭއްވީ ސްޕޯޓްސް ކޮމިޝަނުން އެންގި ގޮތަކަށް، އަސާސީ ގަވާއިދު އިސްލާހުކުރުމަށްފަހުއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޠަލާލް ވިދާޅުވީ ގިނަ އެސޯސިއޭޝަންތައް ހިންގުން ރަނގަޅު ކަމަށާއި، ހުރިހާ އެސޯސިއޭޝަނެއްގެ ހިންގުން ހަރުދަނާ ކުރަމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެކަމަކު ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ބެއެއް މަގުބޫލް އެސޯސިއޭޝަންތަކުގެ ހިންގުން ދޯދިޔާކަން ނޫސްވެރިންގެ ބައްދަލުވުމުގައި ޠަލާލް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އަޑުގަދަ އެސޯސިއޭޝަންތަކުގެ މައްސަލަތައް ދިމާވުމުން، އެ ކަމުގެ ތުހުމަތު ހުރިހާ އެސޯސިއޭޝަންތަކަށް ކުރެވެމުންދާ ކަމަށާއި. އެކަމަކު އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރާނީ މަސައްލަތައް ހުރި ދިމާތަކުން އަވަހަށް މައްސަލަ ހައްލުކުރުމަށް ކަމަށްވެސް ޠަލާލް ވަނީ ވިދާޅުވެފައެވެ.

ޠަލާލް ވިދާޅުވީ އެސޯސިއޭޝަންތައް ހިންގުން ހަރުދަނާކުރުމަށްޓަކައި ކުޅިވަރާ ބެހޭ ވުޒާރާގެ ހުރީހާ ޑިޕާޓްމަންޓަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ހިންގުން ހަރުދަނާކުރަން ބަލާއިރު ރާއްޖޭގެ ގިނަ އެސޯސިއޭޝަންތައް ހިންގަމުންދަނީ ވަރަށް ރަނގަޅަށް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުން އަހަރީ އޮޑިޓް ރިޕޯޓް ސްޕޯޓްސް ކޮމިޝަނަށް ހުށަހެޅުމަކީ ލާޒިމުކަމެއް ނަމަވެސް، އެކަން ރާއްޖޭގެ ކުޅުވަރު އެސޯސިއޭޝަންތަކުން ކޮށްފައިނުވާކަން ޠަލާލް ވަނީ ފާހަގަކުރައްވާފައެވެ.

"
އެސޯސިއޭޝަންތަކުން ހުށަހަޅާ އޮޑިޓް ރިޕޯޓް ވާންޖެހެނީ ދިވެހިރާއްޖޭގެ އޮޑިޓް ފާމަކުން ގަބޫލުކުރާ ރިޕޯޓެއް ހުށެހެޅުމަށް. ދެން މީގައި އެސޯސިއޭޝަންތަކަށް މިކަން ކުރުމުގައި ލުއި ހޯދައިދިނުމުގައި، ޚަރަދުތަކެއް ހިނގާ ކަމެއްވީމަ، އަޅުގަނޑުމެން ދެ މޮޑަލްއަކަށް މަސައްކަތްކުރުމަށް ވިސްނަމުން މި ދަނީ.
މުޙައްމަދު ޠަލާލް - ކޮމިޝަނަރ އޮފް ސްޕޯޓްސް

ޠަލާލް ވިދާޅުވީ ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާ ބައްދަލުކޮށް، ގާނުނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އެސޯސިއޭޝަންތައް ހިންގުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރެއްވި ކަމަށެވެ. .