ކުޅިވަރު

ފީފާ އާއި އޭއެފްސީގެ ނިންމުމަށް އިހުތިރާމުކުރާނަން: ޠަލާލް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮރަޕްޝަނުގެ ތުހުމަތުތަކާއި، އިންތިޚާބާ ގުޅޭގޮތުން ފީފާ އާއި އޭއެފްސީ ކޮންމެ ގޮތެއް ނިންމި ނަމަވެސް، އެ ނިންމުމާއެކު ކުރިއަށްދާނެ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެފްއޭއެމްގެ މައްސަލައާ ގުޅޭގޮތުން "ޕީއެސްއެމް ސްޕޯޓްސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޠަލާލް ވިދާޅުވީ ފީފާ އާއި އޭއެފްސީން އައި ވަފުދަށް ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަން ހިއްސާކުރެއްވި ކަމަށެވެ.

މައްސަލަ ވަކިގޮތަކަށް ނުނިމެނީސް، އެ ކަމުގެ ވާހަކަދެއްކުން އެހާ ރަނގަޅު ނޫންކަން ފާހަގަކުރައްވައި ޠަލާލް ވިދާޅުވީ އަންނަ ހުކުރު ދުވަހު ތައިލެންޑުގައި އޮންނަ ފީފާގެ ކޮންގްރެސްގައި ބައިވެރިވުމަށް މިހާރުގެ އެފްއޭއެމްގެ ހިންގާ ކޮމިޓީއަށް ހުރެހެއް ނެތް ކަމަށެވެ. އެކަމަކު އެފްއޭއެމްއަށް އެ ފުރުސަތު ލިބޭނީ ރާއްޖޭގެ ގާނޫނުން ތަންދޭނަމަ ކަމަށް ޠަލާލް ވިދާޅުވިއެވެ.

"
ކޮންގްރެސްގައި ބައިވެރިވާން ފީފާއިން ހުރަހެއް ނެތިއްޔާ، ދެން ރާއްޖޭގެ ގާނޫނުތައް ކުރިންވެސް އަޅުގަނޑު ދެންނެވި ގޮތަށް ހުރަހެއް ނެތިއްޔާ، މި ކޮޅުން ބައިވެރިވާން ބޭނުންވާ އެފްއޭއެމްގެ ޓީމަށް ހުރަހެއް ނޯންނާނެ.
މުޙައްމަދު ޠަލާލް - ކޮމިޝަނަރ އޮފް ސްޕޯޓްސް

ވަކި ބަޔަކު ނުވަތަ ވަކި މީހެއް ކޮންގްރެސްގައި ބައިވެރިވުމުގެ ވިސްނުމެއް ނެތް ކަމަށާއި، މިހާރެކޭ އެއްގޮތަށް އެފްއޭއެމްއިން ކުރިއަށްގެންދާ ޕްރޮގްރާމުތަކަށް އެއްބާރުލުންދޭ އުސޫލުން، އެކަމުގައިވެސް އެއްބާރުލުންދެއްވާނެ ކަމަށް ޠަލާލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުން ފީފާ ކޮންގްރެސްގައި ބައިވެރިވުމަށް ރާއްޖެއިން ރަޖިސްޓާ ވެފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. އެކަމަކު ކޯޓު ހުކުމުގެ ދަށުން ބައްސާމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.