ޚަބަރު

އުރުދުނަށް އެތެރެ ކުރަން އުޅުނު ހަތިޔާރުތަކެއް ހިފަހައްޓައިފި


ސޫރިޔާ މަގުން އުރުދުނަށް އެތެރެ ކުރަން މަސައްކަތް ކުރި ހަތިޔާރުތަކެއް ހިފަހައްޓާފައިވާ ކަން އުރުދުނުން ހާމަކޮށްފިއެވެ. އެއީ, އުރުދުންގެ ރަސްކަމާ ދެކޮޅަށް ނިރުބަވެރި އަމަލުތައް ހިންގައި, އެ ޤައުމުގެ ސުލްޙައާއި މަސްލަޙަތު ނަގައިލަން ރާވާފައިވާ ރޭވުމެއްގެ ދަށުން އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ ހަތިޔާރުތަކެއް ކަމަށް އެ ޤައުމުން ދެކެއެވެ.

ނަން ހާމަކޮށްފައި ނުވާ އުރުދުންގެ ސަލާމަތީ ބާރުގެ އިސް އޮފިޝަލުންތަކެއް ތުހުމަތު ކުރި ގޮތުގައި, މި ކަމުގެ ފަހަތުގައި އޮތީ އީރާނެއެވެ. ނަމަވެސް, އީރާނުން ވަނީ މި ތުހުމަތު ދޮގު ކޮށްފައެވެ. ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތަކުން ހަތިޔާރުތައް ފޯރުކޮށްދޭން މަސައްކަތް ކޮށްފައި ވަނީ އުރުދުންގައި ހަރަކާތްތެރިވާ މުސްލިމް ބްރަދަރހުޑްގެ މެންބަރުންނަށް ކަމުގައި ވެސް އުރުދުނުން ތުހުމަތު ކުރެއެވެ. މުސްލިމް ބްރަދަރހުޑަކީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާ ގުޅުން އޮންނަ ބަޔެކެވެ.

އުރުދުންގެ ސަލާމަތީ ބާރުން ހަތިޔާރުތައް އަތުލައިގަނެފައި ވަނީ މާރިޗު މަހު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަންގެ ދަށުން ފަލަސްޠީން ދަރިކޮޅަށް ނިސްބަތްވާ މުސްލިމް ބްރަަަދަރހުޑްގެ މެންބަރުންތަކެއް ހައްޔަރު ކޮށްފައިވާ ކަމުގައި ވެސް އުރުދުންގެ އޮފިޝަލުން ބުންޏެވެ.

އުރުދުނަށް އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ ހަތިޔާރުތަކެއް އަތުލައިގަނެފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ދަނީ ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ބައިވެރިވަމުންނެވެ. އަދި, އީރާނާ ގުޅުން އޮތް އެކްސިސް އޮފް ރެސިސްޓެންސަށް ނިސްބަތްވާ ޖަމާޢަތްތަކުން ދަނީ, ޣައްޒާ ދިފާޢު ކުރަން ޙަމާސް ޖަމާޢަތަށް ވާގިވެރިވަމުންނެވެ.

އުރުދުންގެ ސަލާމަތީ ބާރުތަކުން އަތުލައިގަނެފައިވާ ހަތިޔާރުތަކުގެ ތެރޭގައި ކްލޭމޯ މައިނާއި, ސީ4 އަދި ސެމްޓެކްސް ގޮވާ ތަކެއްޗާއި, ކަލާޝްނިކޮފް މަރުކާގެ ބަޑިއާއި ކަޗޫޝާ މަރުކާގެ ރޮކެޓް ހިމެނެއެވެ. މީގެ ތެރެއިން ބައެއް ހަތިޔާރަކީ, އުރުދުން މަގުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް އެތެރެ ކުރަން ފޮނުވާފައިވާ ހަތިޔާރުތަކެއް ކަމުގައި އުރުދުނުން ބުނެއެވެ.

1980ގެ އަހަރުތަކުގެ ތެރޭގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތް އުފެދިގެން އައީ މުސްލިމް ބްރަދަރހުޑްގެ ދަށުންނެވެ. މުސްލިމް ބްރަދަރހުޑުން ބުނާ ގޮތުގައި, އެއީ ލޭއޮހޮރުވުމާއި ހަމަނުޖެހުމަށް ހިތްވަރުދޭ ގުޅުމެއް ނޫނެވެ. އަދި, އުރުދުންގައި މުސްލިމް ބްރަދަރހުޑްގެ ގޮފި އުފައްދައި, ހިންގަމުން ދަނީ އެ ޤައުމުގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުންނެވެ.

އުރުދުނަށް ހަތިޔާރު އެތެރެ ކުރަން މަސައްކަތް ކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތު ވެސް އެ ޖަމާޢަތުން ދޮގު ކުރެއެވެ. އުރުދުނަށް ހަތިޔާރު އެތެރެ ކުރަން މަސައްކަތް ކޮށްފައި ވަނީ އެ ޖަމާޢަތުގެ އެނގުމާ ނުލައި ކަމުގައި އެ ޖަމާޢަތުން ބުނެއެވެ. ނަމަވެސް, އެ ޖަމާޢަތަށް ނިސްބަތްވާ މެންބަރުންތަކެއް މާރިޗު މަހުގެ ތެރޭގައި އުރުދުންގެ ސަލާމަތީ ބާރުން ހައްޔަރު ކޮށްފައިވާ ކަން އެ ޖަމާޢަތުން ކަށަވަރު ކޮށްދެއެވެ.

އުރުދުންގެ 11 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައަކީ ފަލަސްޠީން ދަރިކޮޅުގެ މީހުންނެވެ. 1940ގެ އަހަރުތަކުގެ ތެރޭގައި ޒަޔަނިސްޓުންގެ އިސްރާއީލް އުފަން ކުރުމަށް ފަލަސްޠީނުގެ ބިންތައް ފޭރިގަނެ, އެ ބިންތަކުން ބޭލި ގިނަ ޢަދަދެއްގެ މުސްލިމުން އުރުދުނަށް ދަތުރު ކޮށްފައިވެއެވެ. އުރުދުނަކީ ޒަޔަނިސްޓުންގެ އިސްރާއީލަކީ ދަޢުލަތެއްގެ ގޮތުގައި ބަލައިގަންނަ މަދު ޢަރަބި ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. އުރުދުން ޔަހޫދީންގެ ޖައްބާރު ދަޢުލަތް ބަލައިގަނެފައި ވަނީ 1994ވަނަ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.