ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިސްލާމިކް ފައިނޭންސް ބޭނުންކުރެވޭނެ ގޮތުގެ ދިރާސާތަކެއް މިހާރު ހަދަންޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، އިސްލާމިކް ޔުނިވާސިޓީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމިކް ފައިނޭންސަކީ ޝަރީޢާ ނުވަތަ އިސްލާމީ ޤާނޫނުގެ އުސޫލުތަކާއި އެއްގޮތަށް ހިންގާ މާލީ ހަރަކާތްތަކެވެ. އިސްލާމިކް ފައިނޭންސްގެ ސިފަތަކުގެ ތެރޭގައި އިސްލާމް ދީނާއި ފުށުއަރާޒާތުގެ އެއްވެސް ކަމަކަށް އިންވެސްޓްކުރުމާއި، ފައިނޭންސް ކުރުމަކީ ޙަރާމްކަމެކެވެ. އިސްލާމިކް ޔުނިވަރސިޓީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ދިރާސާއެއް ހަދަން ޖެހެނީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށްވުމުން ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާގައި އިސްލާމިކް ފައިނޭންސް ކުރިއަށް ގެންދާނެ ގޮތަކާމެދު ދިރާސާއެއް ހަދަން ޖެހިފައިވާއިރު، އެ ދިރާސާ އިސްލާމިކް ޔުނިވަރސިޓީން ހަދައިދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޖިހާދު ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީ ވާންޖެހެނީ ރާއްޖޭގައި މީހުން ބޭނުންވާ ދާއިރާތަކަށް މީހުން އުފައްދާ، އަދި ދިރާސާތައް ކުރާ ބަޔަކަށް ކަމަށެވެ. އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވީ، މިފަދަ ދިރާސާތަކަކީ ވަރަށް ގިނަ ޢަދަދެއްގެ ފައިސާ އެކަމަކަށް ބޭނުންވާ ކަމަކަށްވާތީ އެފައިސާ ހަމަޖެހިއްޖެނަމަ އެފަދަ ދިރާސާތައްވެސް އިސްލާމިކް ޔުނިވަރސިޓީން ކުރެވިދާނެ ކަމަަށެވެ. ޒާހިރު ޙުސައިންގެ ވަހަކާގައިވެސް އެ ޔުނިވަރސިޓީން ދިރާސާތަކެއް ހަދަންޖެހޭ ގިނަ ދާއިރާތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ.
އާންމުކޮށް ފޯރުކޮށްދޭ މާލީ ޚިދުމަތްތަކާއި އެއްގޮތަށް، އިސްލާމިކް ފައިނޭންސް ދާއިރާގައި ވެސް ބޭންކިންގ ޚިދުމަތްތަކާއި، ތަކާފުލް ނުވަތަ އިސްލާމިކް އިންޝުއަރެންސް އަދި އިސްލާމިކް ކެޕިޓަލް މާރކެޓްގެ ހަރަކާތްތަކާއި، އެސެޓް މެނޭޖްމަންޓް އަދި މާލީ ކަންކަމުގައި ލަފާއާއި، އިރުޝާދު ދިނުން ފަދަ ކަންތައްތައް ހިމެނެވެ.