ކުޅިވަރު

އޮލިމްޕިކްސް ކޮލިފިކޭޝަން: ދީމާ ސެމީއަށް، މިޝްކާއަށް ކުއާޓާގައި ނާކާމިޔާބު


ދެކުނު އޭޝިއާ ސަރަހައްދުގެ އޮލިމްޕިކްސް ކޮލިފިކޭޝަނުގެ އަންހެން ސިންގަލްސްގެ ސެމީ ފައިނަލުން ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީއަށް ފުރުސަތު ލިބިއްޖެއެވެ.

ނޭޕާލުގައި މިހާރު ކުރިއަށްދާ ދެކުނު އޭޝިއާގެ ކޮލިފިކޭޝަނުގެ ކުއާޓާއަށް ދީމާ ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް، ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އެކަމަކު ކުއާޓާ މެޗު ކުޅެން ނުޖެހި، ދީމާ ވަނީ ސެމީއަށް ދަތުރުކޮށްފައެވެ. ސެމީގައި ދީމާ ވާދަކުރަން ޖެހޭނީ ސްރީ ލަންކާގެ މަދުރަންގީ އިޝާރާ އާއެވެ. އޭނާ ސެމީން ފުރުސަތު ހޯދީ ކުއާޓާގައި 4-3 ސެޓުން ނޭޕާލުގެ ނަބީތާ ޝްރެސްތާ ބަލިކުރުމަށްފަހުއެވެ.

ކޮލިފިކޭޝަން ސެމީގައި ދީމާ ވާދަކުރާއިރު، މި ކޮލިފިކޭޝަނުން އޮލިމްޕިކްސްއަށް ކޮލިފައިވާނީ އެންމެ ކުޅުންތެރިއެކެވެ. ދީމާގެ އިތުރުން ކޮލިފައިންގައި ރާއްޖެއިން ވާދަކުރީ މިޝްކާ މުޙައްމަދު އިބްރާހީމާއި، މޫސާ މުންސިފް އަޙްމަދު އަދި އަޚްޔަރު އަޙްމަދު ޚާލިދެވެ.

މީގެ ތެރެއިން މިޝްކާ ވަނީ އަންހެން ސިންގަލްސްގެ ކުއާޓާގައި ވާދަކޮށްފައެވެ. އެކަމަކު ކުއާޓާގައި މިޝްކާ ވަނީ ލަންކާގެ ބަންޑާރަ ބިމަންޑީ އަތުން ސީދާ ހަތަރު ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ބިމަންޑީ ގެންދިޔައީ 11-8، 11-7، 11-5 އަދި 11-7 އިންނެވެ.

މީގެ އިތުރުން ކޮލިފައިންގައި ވާދަކުރި ރާއްޖޭގެ ފިރިހެން ދެ ކުޅުންތެރިން މިއަދު ވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅެފައެވެ. އެގޮތުން އަޚްޔަރު ވަނީ ބަންގްލަދޭޝްގެ ރަމްހިމިލިއާން ބޯމް އަތުން ސީދާ ހަތަރު ސެޓުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 10-12، 11-13، 6-11 އަދި 3-11 އިންނެވެ. އެއާއެކު ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް އަޚްޔަރު ވަނީ ބަލިވެފައެވެ.

ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުން މުންސިފް ބަލިވީ ބަންގްލަދޭޝްގެ ރިދޯއި އަޙްމަދު އަތުން 4-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ތިން ސެޓު ގެންދިޔައީ ރިދޯއިއެވެ. އެއީ، 13-11، 16-14 އަދި 11-8 އިންނެވެ. މި މެޗުގެ ހަތަރު ވަނަ ސެޓު 9-11 އިން މުންސިފް ގެންދިިޔަ ނަމަވެސް، ދެން ކުުޅުނު ސެޓު 11-9 އިން ކާމިޔާބުކޮށް ރިދޯއި ވަނީ މެޗުން މޮޅުވެފައެވެ. ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި މުންސިފްވެސް ތިން މެޗު ކުޅުނުއިރު، ފުރަތަމަ މެޗުގައި އޭނާ ވަނީ ނޭޕާލްގެ ކަޕާލީ ސަންޔޮންގް އަތުން މޮޅުވެފައެވެ.