އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި އަށްވަނަ ޕްރޮމޯޝަނަލް ރޯލާ ސްކޭޓިން ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ ސްކޭޓް މޯލްޑިވްސްއިން 12 މެޑަލް ހޯދައިފިއެވެ.
ގުރުގާން ސިޓީގެ ކަޕޫރު ސްކޭޓިން އެކެޑަމީން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި ރާއްޖޭގެ 15 ސްކޭޓަރުން ވަނީ ވާދަކޮށްފައެވެ. މި މުބާރާތުގައި ރާއްޖޭގެ ސްކޭޓަރުން ވާދަކޮށްފައިވަނީ 11 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކޮށްފައެވެ.
ރާއްޖެއިން ވަނީ މި މުބާރާތުގެ ފިރިހެން ކުދިންގެ ހަތަރު އުމުރުފުރާއެއްގައި ވާދަކޮށް ތިން ރަން މެޑެއްޔާއި، ދެ ރިހި މެޑަލް އަދި ދެ ލޯ މެޑަލް ހޯދާފައެވެ. އަންހެން ކެޓަގަރީގައިވެސް ރާއްޖެއިން ވަނީ ހަތަރު އުމުރުފުރާގައިވެސް މެޑަލް ހޯދާފައެވެ. އެގޮތުން ދެ ރަން މެޑައްޔާއި، ދެ ރިހި މެޑަލް އަދި އެއް ލޯ މެޑަލް ވަނީ ހޯދާފައެވެ.
ރަން ވަނަތަކާއެކު ސްކޭޓް ޓީމު އިއްޔެ އެނބުރި ރާއްޖެ އައުމުން، މުޅި ޓީމަށް ވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
"ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަވަމުން ސްކޭޓް މޯލްޑިވްސްގެ ރައީސް މުޙައްމަދު ހާނިމް ވިދާޅުވީ އިންޑިއާގައި ކުރިއަށްދިޔަ ތަމްރީނުތަކުން ގިނަ ކަންކަން ފާހަގަވެގެންދިޔަ ކަމަށެވެ. އެގޮތުން އިންޑީއާގެ ސްކޭޓް ލެވެލްގެ މުބާރާތްތަކުގައި ވާދަކުރި ތިން އެކެޑަމީއެއްގެ އެންމެ މަތީ ފެންވަރުގެ ސްކޭޓަރުންނާއެކު ޓައިމް ޓްރަޔަލްތަކެއް މުބާރާތުގެ ކުރިން ބޭއްވި ކަމަށާއި، އެ ޓައިމް ޓްރަޔަލްގެ ނަތީޖާތަކުން މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެކަމަށް ނުބެލެވުނު ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މެޑަލް ލިބޭނެކަމުގެ އުއްމީދު އޮތް ކަމަށްވެސް ހާނިމް ވަނީ ބުނެފަވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން އިންޑިއާގެ ހަތަރު އެކެޑަމީއެއްގެ ސްކޭޓަރުން ވަނީ ވާދަކޮށްފައެވެ. މުބާރާތް ބޭއްވި ޓްރެކުގައި ރާއްޖޭގެ ސްކޭޓަރުން ރަންވަނަ ހޯދިއިރު، މި ޓްރެކުގައި ރާއްޖޭގެ ސްކޭޓަރުން ތަމްރީނުކޮށްފައިވަނީ އެއް ދުވަހަށެވެ. މި ދަތުރުގެ އެންމެ ބޮޑު ހިއްސާއެއްވާ އެއް ބަޔަކީ ސްކޭޓް މޯލްޑިވްސްގެ ބެލެނިވެރިންނެވެ. މީގެ އިތުރުން ކޮމިޝަނަރ އޮފް ސްޕޯޓްސް އާއިމ ކުޅިވަރާ ބެހޭ ވުޒާރާއަށް ސްކޭޓް މޯލްޑިވްސްއިން ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.