ކަނޑުމަހުގެ ސްޓޮކް ދެމެހެއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި މިހާރު ކުރިއަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ 28 ވަނަ ބައްދަލުވުމުގައެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން، އައިއޯޓީސީގެ 28 ވަނަ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރީސޯސަސްގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.
5 ދުވަހުގެ މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ، ކަނޑުމަހުގެ ސްޓޮކް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިސްކަންދިނުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފްދުން ވަނީ އެކި ކަންކަމަށް ގޮވާލާފައެވެ. ރާއްޖެއިން ގޮވާލި ކަންކަމުގެ ތެރޭގައި މަސްވެރިިކަމުގެ ބޭނުމަށް އަޅާފައި ހުންނަ ކަނދުފަތިތަކާއި ގުޅޭގޮތުން ހަރުދަނާ އުސޫލުތަކެއް ތަންފީޒުކުރުމާއި މިޔަރު ހިމާޔަތްކުރުމަށް ފިޔަވަޅުތައް އެޅުން ހިމެނެއެވެ. މީގެއިތުރުން ކަޅުބިލަމަހުގެ މަސްވެރިކަމާއި ގުޅޭގޮތުންވެސް މެނޭޖްމަންޓް ޕްރޮސީޖަރއެއް އެކުލަވާލުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
A delegation from the #Maldives is taking part in the 28th Session of the #IOTC being held in Bangkok. Maldives urges member States to prioritise the sustainability of the tuna stocks in the Indian Ocean during the 5-day negotiations. We call for the adoption of a sound… pic.twitter.com/hfZtyABPnT
— Ministry of Fisheries and Ocean Resources (@MFORmv) May 13, 2024
އައިއޯޓީސީގެ 28 ވަނަ ބައްދަލުވުމުގައި ރާއްޖެއިން ގިނަ ކަންކަމަކަށް ގޮވާލާފައިވާއިރު އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކަންނެލި ސްޓޮކް ދައްވުމާއި ގުޅިގެން، މިސަރަހައްދުގައި ކަންނެލި ސްޓޮކް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ރާއްޖެއަކީ މަސްވެރިކަމަށް ބަރޯސާވާ ޤައުމަކަށް ވުމުން މި ސްޓޮކް ބެލެހެއްޓުމަށް ރާއްޖެއިން ހާއްސަ އިސްކަމެއްދެއެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ މަސްވެރިކަމަށް ގެއްލުންވާނެ ކަންކަމުން ރައްކާތެރިވެ، ކަނޑުމަހުގެ ސްޓޮކް އަލުން އާލާކޮށް ބެލެހެއްޓުން ރަނގަޅު ކުރުމަށް ސައިންސްގެ މައްޗަށް ބިނާކޮށް މެނޭޖްމަންޓް ޕްލޭންތައް ތަންފީޒުކުރުމަށްވެސް ގޮވާލާފައެވެ.
މީގެއިތުރުން ސަރަހައްދީ ގައުމުތަކުންވެސް ކަނޑުމަހުގެ ސްޓޮކް ދެމެހެއްޓުމަށް ރާއްޖެއިން އަޅާފައިވާފަދަ ފިޔަވަޅުތަކެއް އެޅުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަނަކީ މަސްވެރިކަމާއި ގުޅޭ ޖަމުއިއްޔާތަކުގެ ތެރެއިން ނަމޫނާ ޖަމުއިއްުޔާއަކަށް ވާންޖެހޭކަންވެސް ރާއްޖެއިން ވަނީ ފާހަގަކޮށްފައެވެ.
އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންއަކީ އިންޑިއާ ކަނޑުގައި އުޅޭ ކަނޑުމަހާއި ކަނޑުމަހާއި ގުޅުންހުރި ބާވަތްތަކުގެ ރައްކާތެރިކަން ދެމެހެއްޓުމުގެ މަސައްކަތްކުރަމުންދާ ބައިނަލްއަޤްވާމީ ޖަމުއިއްޔާއެކެވެ.