ކުޅިވަރު

ގައުމީ ނެޓްބޯޅަ މުބާރާތް: ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ސްކައިލަރކަށް


ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 21 ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ސްޕޯޓްސް ކުލަބު ސްކައިލަރކްއިން ހޯދައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗު ސްކައިލަރކްއިން ކާމިޔާބުކޮށްފައިވަނީ ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކުލަބާ ވާދަކޮށް 28-13 ޕޮއިންޓުންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަށް ހޮވިފައިވަނީ ސްކައިލަރކުގެ ޝިބާ ހުސައިން ސުހައިލާއި، އާމިނަތު ސަދާ އިބްރާހީމާއި، ފާތިމަތު ޔަނާލް އަޙްމަދުގެ އިތުރުން ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކުލަބުގެ ތަޒްކިޔާ މުޙައްމަދު މައުސޫގާއި، މަރިޔަމް ނަތާރާ ނަސީރާއި، ލާރާ އަލީ ޝިޔާމް އަދި ޔުނައިޓެޑް ޔުނިޓީ ސްޕޯޓްސް ކުލަބުގެ އާމިނަތު ސޮފޫރާއެވެ. މީގެ ތެރެއިން ސްކައިލަރކުގެ ޝިބާ ވަނީ ކުއީން އޮފް ދަ ސީރީސްގެ މަގާމު ހޯދާފައެވެ.

ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަނުގެ އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ޔޫތު ޔުނައިޓެޑް ސްޕޯޓްސް ކުލަބުގެ ފާތިމަތު ލަނާ ލުތުފީއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަންކަން ހޯދި ސްކައިލަރކުގެ ނީޝާ ހަލީމެވެ.

މި އަހަރުގެ ގައުމީ މުބާރާތުގެ ދެވަނަ ޑިވިޝަނުގައި ފަސް ޓީމެއް ވާދަކުރިއިރު، ސްކައިލަރކުން ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ، ސައްތައިން ސައްތަ ރިކޯޑަކާއެކުއެވެ.