ކުޅިވަރު

ވޮލީ އެސޯސިއޭޝަން ކަޕް: ޕްރިލިމިނަރީ ބުރުގެ ކުޅުން ފޯރީގައި ކުރިއަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕުގެ ޕްރިލިމިނަރީ ބުރުގެ ކުޅުން ފަށައިފިއެވެ.

އެހެން ފަހަރުތަކާ ޚިލާފަށް މި ފަހަރުގެ ޕްރިލިމިނަރީ ބުރުގެ މެޗުތައް ކުރިއަށްދަނީ އެކުވެނި އައުޓްޑޯ ވޮލީބޯޅަ ކޯޓުގައެވެ. އިއްޔެއިން ފެށިގެން މި މަހުގެ 19 ގެ ނިޔަލަށް ކުރިއަށްދާ ޕްރިލިމިނަރީ ބުރުގައި އަންހެން އަދި ފިރިހެން ޑިވިޝަނުގެ މެޗުތައް ކުރިއަށްދާނެއެވެ.

އެގޮތުން ފިރިހެން ޑިވިޝަނުގައި ޖުމްލަ 10 ޓީމު ވާދަކުރާއިރު، އަންހެން ޑިވިޝަނުގައި 16 ޓީމެއް ވާދަކުރެއެވެ. އަންހެން އަދި ފިރިހެން ޑިވިޝަނުގެ މެޗުތައްވެސް ކުރިއަށްދާނީ ރައުންޑް ރޮބިން އުސޫލުންނެވެ. ވީހާވެސް ގިނަ މެޗުތަކެއް ކޮންމެ ޓީމަކަށްވެސް ލިބޭގޮތަށް ރާވާފައިވާ މި މުބާރާތުގެ ކޮންމެ ޑިވިޝަނަކުންވެސް އެންމެ ގަދަ ހަތަރު ޓީމު އެސޯސިއޭޝަން ކަޕަށް ކޮލިފައިވާނެއެވެ.

މުބާރާތުގައި ކޮންމެ ދުވަހެއްގެ ހަވީރު ހަތަރު މެޗު ކުޅޭއިރު، ރޭގަނޑުވެސް ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ހަވީރު ކުރިއަށްދާނީ ފިރިހެން ޑިވިޝަނުގެ މެޗުތަކެވެ. އަދި ރޭގަނޑު ކުރިއަށްދާނީ އަންހެން ޑިވިޝަނުގެ މެޗުތަކެވެ.

މި ފަހަރުގެ ޕްރިލިމިނަރީ ބުރުގައި މާލޭގެ އިތުރުން ބައެއް ރަށްރަށުގެ ޓީމުތަކުންވެސް ވާދަކުރެއެވެ. އަދި ޒުވާން ގިނަ ކުޅުންތެރިންތަކެއް ފެނިގެންދެއެވެ. ވޮލީބޯޅަ އެސޯސިއޭޝަނުން ބުނީ މިއީ މުޅި ކުޅިވަރަށްވެސް ލިބުނު ކުރިއެރުމެއް ކަމަށާއި، ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ފެނިގެންދިއުމަކީ ވޮލީބޯޅައިގެ މުސްތަގުބަލު ވަރަށް ބޮޑަށް ފެނިގެންދާ ކަމެއް ކަމަށެވެ.

އައު ލީޑަޝިޕާއެކު ވޮލީބޯޅަ އެސޯސިއޭޝަނުން ދަނީ ވޮލީ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޯޗުން ތަމްރީނުކުރުމުގެ ޕްރޮގްރާމުތަކާއި، ގިނަ ކުޅިވަރު މުބާރާތްތަކެއް ރާވާފައިވާއިރު، މި ދައުރުގެ ތެރޭގައި ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް ގިނަ ޕްލޭންތަކެއްވެސް ވަނީ ރާވާފައެވެ.