ޚަބަރު

ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަސައްކަތް މިމަހު ފަހުކޮޅު ފަށަނީ


  • މިއީ ރައީސްގެ އިސްނެގުމަކާއެކު ކުރާ މަސައްކަތެއް

  • 2 އަހަރު ތެރޭ ސްކޫލްތައް އޭސީކޮށް ނިންމާނެ

  • ސްކޫލްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ

ސަރުކާރުގެ ހުރިހާ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތާއި މުދައްރިސުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގްރާމެއް މި ފެށޭ ދިރާސީ އަހަރު ފަށްޓަވާނެ ކަމަށް ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ މި މަޝްރޫޢުކުރިއަށް ގެންދިަން ނިންމާފައިވަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކުގައިކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާނީ ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ޚަރަދެއްގައިކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސްކޫލްތަކުގެ ކުލާސް ރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށްޓަވާނެކަމަށާއި އޭސީ ހަރުކުމުގެ ކުރިން ސްކޫލްތަކުގައި ކަރަންޓުގެ ހާލަތަު ދެނެގަތުމުގެ މަސައްކަތްތައް ކުރައްވާނެކަމަށެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ ހުރިހާ ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ މަސައްކަތް 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ނިންމާލެވޭނެކަމަށެވެ.

"ހުރިހާ ސްކޫލްއަކީ ވެސް ވަރަށް މުހިއްމު ސްކޫލްތަކެއް. ސްކޫލްތަކުގެ މަޢުލޫމާތުތައް އެއްކުރަމުން މިދަނީ. ބައެއް ސްކޫލްތަކުގެ ކަރަންޓު ވިއުގަ ރަނގަޅުކުރަން ޖެހޭ. 3 ފޭސް ކަރަންޓެއް ނެތް ސްކޫލްތައް އެބަހުރި. އޭސީއަކީ ވަރަށް ގިނައިން ކަރަންޓު އެސިއުމް ކުރާ އެއްޗެއް. ކަރަންޓު ވިއުގަ ރަނގަޅު ކުރަން ޖެހޭ ތަންތަނުގެ މަސައްކަތް ކުރަން ޖެހޭ".ތަޢުލީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސްކޫލްތަކަށް ވަޑައިގެން ބޭއްވި ބައްދަލުވުންތަކަށް ފަހު އެމަނިކުފާނަށް އެގޮތަށް ފެނިވަޑައިގަތުމުންކަމަށެވެ.

ވަޒީރު ވިދާޅުވީ ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތުގެ އިތުރަށް މުދައްރިސުން ތަމްރީން ކުރުމުގެ ޤައުމީ މަޝްރޫޢުއެއްވެސް ފަށްޓަވާނެކަމަށެވެ. މިއީ މުދައްރިސުންގެ ގަދަރު މަތިކޮށް ސްކޫލްގައި ހޭދަވާ ވަގުތު މަދުކޮށް ރަނގަޅު މާހައުލެއް ހޯދައިދިނުމަށް ކުރިއަށްގެންދަވާ ޕްރޮގްރާމެއްކަން ވަޒިރު ފާހަގަކުރެއްވިއެވެ.