ޚަބަރު

އާސަންދަ ސްކީމުން 700އަށް ވުރެ ގިނަ މީހުން މެޑިކަލް ޗެކަޕް ހަދައިފި


  • އައިޖީއެމްއެޗުން 35އ މަތީގެ މީހުންނަށް އަންނަ ހަފްތާއިން ފެށިގެން މެޑިކަލް ޗެކްއަޕް ހެދޭނެ

  • އައިޖީއެމްއެޗުން 291 މީހުން މެޑިކަލް ޗެކްއަޕް ވަނީ ހަދާފައި

  • ހުޅުމާލެ ހޮސްޕިޓަލުން 505 މީހުން މެޑިކަލް ޗެކްއަޕް ހަދާފައިވޭ

އާސަންދަ ސްކީމުގެ ދަށުން މެޑިކަލް ޗެކަޕް ހަދަން ހުޅުވާލުމުން 700 އަށް ވުރެ ގިނަ މީހުން މިހާތަނަށް މެޑިކަލް ޗެކްއަޕް ހަދައިފިއެވެ.

އާސަންދަ ސްކީމުގެ ދަށުން އުމުރުން 35 އަހަރުން މަތީގެ މީހުނަށާއި އުމުރުން 50 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ޕީއެސްއެމް ނިއުސްއަށް އައިޖީއެމްއެޗުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް އެ ހޮސްޕިޓަލުން 291 މީހުން މެޑިކަލް ޗެކްއަޕް ހަދާފައިވެއެވެ. އެއީ 132 ފިރިހެނުންނާއި 159 އަންހެނުންނެވެ. މީގެ އިތުރުން މިހާރުވެސް ވެއިޓްލިސްޓްގައި 377 މީހުން ތިބިކަމަށް އެހޮސްޕިޓަލުން މަޢޫލޫމާތުދެއްވައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 50 އަހަރުން މަތީގެ 147 އަންހެނުންނާއި 147 ފިރިހެނުންނެވެ. އަދި އުމުރުން 35 އަހަރާއި 49 އަހަރާ ދެމެދުގެ 57 އަންހެނުންނާއި 26 ފިރިހެނުން އެބަތިބިކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއްވިއެވެ.

އައިޖީއެމްއެޗްއިން ވަނީ އަންނަ ހަފްތާގައި 35 އަހަރުން މަތީގެ މީހުންގެ މެޑިކަލް ޗެކްއަޕް ހަދަން ފަށާން ތައްޔާރުވެފައެވެ.

އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުން މިހާތަނަށް 505 މީހެއްގެ މެޑިކަލް ޗެކްއަޕް ވަނީ ހަދާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 50 އަހަރުން މަތީގެ 227 ފިރިހެނުންނާއި 264 އަންހެނުންނެވެ. އަދި 40 އަހަރުން މަތީގެ 8 ފިރިހެނުންނައި 6 އަހންހެނުންގެ މެޑިކަލް ޗެކްއަޕް ހަދާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކަގައެވެ. އަދި އެ ހޮސްޕިޓަލްގެ ވެއިޓް ލިސްޓްގައި 177 މީހުން އެބަތިބިކަމަށް ހުޅުމާލެ ހޮސްޕިޓަލުން މަޢުލޫމާތުދެއްވިއެވެ.

މިހާރު ހަމައެކަނި އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި 35 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނާއި، 19 އަހަރުން ދަށުގެ ކުދިންނަށް މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމް ހަމަޖެއްސިނަމަވެސް 19 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނަށް މިޚިދުމަތް ދޭން ފަށަނީ ޖުލައި މަހުން ފެށިގެންނެވެ.
އަހަރަކު 2 ފަހަރު މެޑިކަލް ޗެކްއަޕް ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވަނީ ބޮޑެތި ބަލިތައް ދުރާލައި ދެނެގަނެ ފަރުވާ ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.