ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާބެހޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފިއެވެ.
ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމާބެހޭ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ "ޝޫޝާ - ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024" ގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ހިމެނެއެވެ. އެގޮތުން މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ވަނީ އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން (އިސެސްކޯ)ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި އިސެސްކޯގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޑރ. ސާލިމް އަލްމާލިކް ވަނީ ދިވެހިރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ބައްލަވަން ޖެހޭ ބެއްލެވުންތައް ބެއްލެވުމާއެކު، އެކަމާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ އެހެނިހެން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރެވެމުންދާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ފެހި ސިގުނަލް ލިބިފައިވާކަމަށްވެސް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި މިސްކިތްތަކާއި އާސާރީ އެހެނިހެން ބިނާ ހިމެނުމުގެ ކަންކަން ބަލަހައްޓަނީ އެ ޖަމާޢަތުގެ އެއް ގުނަވަން ކަމަށްވާ އިސްލާމިކް ވޯރލްޑް ހެރިޓޭޖް ކޮމިޓީންނެވެ.
2023 ވަނަ އަހަރުގެ ޑިސެންބަރު 18އިން 19އަށް، މޮރޮކޯގެ ރަބާޠުގައި ހުންނަ އެޖަމާޢަތުގެ މައި އޮފީހުގައި ކުރިއަށް ގެންދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް 213 އާސާރީ ތަންތަނާއި ތަކެތި އިތުރުކޮށްފައެވެ. އެއާއެކު އެ ލިސްޓުގައި މިހާރު 634 އާސާރީ ތަންތަނާއި ތަކެތި ވަނީ ހިމެނިގެން ގޮސްފައެވެ. މީގެ ތެރޭގައި ތަރިކައިގެ ދާއިމީ ލިސްޓުގައި އަދި ނުހިމަނާ ބައެއް ތަންތަން ވެސް ހިމެނެއެވެ. މި ލިސްޓަކީ މާއްދީ ތަރިކައާއި މައުނަވީ ތަރިކަ ވެސް ދަފްތަރު ކުރެވޭ ލިސްޓެކެވެ.