އިންޑިއާއިން ނަގާފައި އޮތް 200 މިލިއަން ޑޮލަރުގެ ތެރެއިން ނުދައްކާ އޮތް 150 މިލިޔަން ޑޮލަރު ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭނެކަމުގެ ފެހި ސިގްނަލް ލިބިފައިވާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މި ލޯނަކީ އެމްޑީޕީގެ ސަރުކާރުން 2019 ވަނަ އަހަރު ވެރިކަމާ ހަވާލުވުމަށްފަހު ބަޖެޓް ސަޕޯޓްގެ ގޮތުގައި ނެގި 200 މިލިޔަން ޑޮލަރުގެ ލޯނެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މިދިޔަ ސަރުކާރުން އިންޑިއާއިން ނަގާފައިވާ 200 މިލިޔަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހު އިންޑިއާއަށް ދައްކާފައިވާކަމަށެވެ. އަދި ނުދައްކާ އޮތް 150 މިލިޔަން ޑޮލަރު ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާކަމަށާއި އޭގެ މުގާބިލުގައި އިންޑިއާ ސަރުކާރުން އެއްވެސް ކަމަކަށް އެދިފާ ނުވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ލޯން ދެއްކުމުގެ މުއްދަތު އިތުރުކޮށްދޭނެކަމުގެ ފެހި ސިގްނަލެއް ލިބިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިންޑިއާއަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް ދިމާވާ ކަންކަމުގައި އަބަދު ވެސް އެހީތެރިވާނެ ކަމުގެ ޔަގީންކަން އިންޑިއާއަށް ދީފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ބޭނުންތަކަށް އަބަދުވެސް އިންޑިއާއިން ޕޮޒިޓިވްކޮށް ބައްލަވާކަމަށާއި ބޭނުންވާ ބޮޑެތި ކަންކަމުގައި އަބަދުވެސް އެހީތެރިވެދޭނެކަމުގެ ޔަޤީންކަން އިންޑިއާއިން ދެއްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ދިވެހި ރާއްޖޭގެ ބޭނުންތަކަށް އަބަދުވެސް ޕޮޒިޓިވްކޮށް ބައްލަވާ ވާހަކާ އާއި އަޅުގަނޑުމެންނަށް ބޭނުންވާ ބޮޑެތި ކަންކަމުގައި އަބަދު ވެސް އެހީވެދޭނެ ކަމުގެ ޔަގީންކަން އޮތީ ދީފައި. އަދި ކުރީގައި ވެސް އަޅުގަނޑުމެންގެ އެދުންތަކަށް އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ކޮށްދެއްވާފައި ހުރި ކަމަށް ވިދާޅުވެފައި އޮތީ، އެއީ އެހެންވީމަ އަޅުގަނޑުމެންނަށް ޕާސަނަލީ ވަން އޮން ވަންގައި ވެސް ފެހި ސިގްނަލް ދެއްވާފައި އޮތީ." ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ
ވަޒީރު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައިރު ދަރަނި އޮތް މިންވަރާއި އަޅާބަލާއިރު މިސަރުކާރު ވެރިކަމާއި ހަވާލުވިއިރު އޮތް ދަރަނި ދެގުނަ އިތުރުވެފައިވާކަމަށެވެ. އަދި އެ ދަރަނިތައް ދެއްކުމަށް ލުއި ގޮތްތައް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދަރަނި އަދާކުރަމުންވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.