ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް އެކަމާއި ގުޅޭ ޤަވާއިދު އިސްލާހުކޮށް، ގެޒެޓްކޮށްފިއެވެ.
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް ޤަވާއިދު އިސްލާހުކޮށްފައިވާއިރު، މީގެކުރިން ވިލިމާލޭގައި އެންމެ އުސްކޮށް އިމާރާތްކުރެވެނީ 6 ބުރިއަށެވެ.
މާލެއިން ފެރީގައި ގާތްގަނޑަކަށް ފަސް މިނެޓު ދެވޭ ހިސާބުގައި އޮންނަ ވިލިމާލޭގައި 10 ބުރީގެ އިމާރާތްތައް އެޅުމުގެ ހުއްދަ ދިނުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި މާލެ ސިޓީގެ މޭރަޔަކަށް ރައީސް މުއިއްޒު ހުންނެވިއިރުވެސް އެ އިސްލާހު ގެނައުމަށް މަސައްކަތް ކުރެއްވިއެވެ.
ގަވާއިދު ކުރިން އޮތްގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި އިމާރާތްކުރެވޭނީ 19.20 މީޓަރު ނުވަތަ 63 ފޫޓަށެވެ. އަދި ދިރިއުޅުމަށް ނޫން ބޭނުންތަކަށް ދޫކޮށްފައިވާ ގޯތިތަކުގައި 18.5 މީޓަރު ނުވަތަ 61 ފޫޓަށް އިމާރާތްކުރެވޭނެއެވެ.
މާލޭ ޕްލޭނިންގ ގަވާއިދަށް ހައުސިންގ މިނިސްޓްރީން މިހާރު އިސްލާހު ގެނެސްފައިވާއިރު، މި އިސްލާހުގައިވާ ގޮތުން ދިރިއުޅުމަށްވެސް އަދި ދިރިއުޅުމަށް ނޫން އެހެން ބޭނުންތަކަށް ދޫކޮށްފައިވާ ގޯތިތަކުގައިވެސް 10 ބުރިއަށް އިމާރާތްކުރެވޭނެއެވެ.
އިސްލާހުގައިވާ ގޮތުން މިހާރު މީހުން ދިރިއުޅެމުންދާ އިމާރާތްތަކުގައިވެސް 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ހޯދޭނެއެވެ. އަދި މި އިސްލާހު ގަވާއިދަށް ގެނައީ ވިލިމާލޭގެ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ރަށުގެ ތަރައްޤީއާއި ކުރިއެރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުންނެވެ.
ވިލިމާލޭގެ އުސް އިމާރާތްތަކަށް ސަރުކާރުން ހުއްދަ ދޭން ނިންމާފައިވާއިރު، 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެ ރަށުގައި ތަރައްގީ ކުރުމުގެ މަޝްރޫއެއްވެސް ޗައިނާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން ވިލިމާލެ މަގުތައް މަރާމާތުކުރުމާއި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތަށް އަޕްގްރޭޑްކުރުމަށް އެކި ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ.