ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގައި ތިބީ އިންޑިއާގެ 76 ސިފައިންކަމަށާއި، އެ އެންމެން މިހާރު ޤައުމަށް ފޮނުވާލެވިފައިވާކަމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ޣައްޞާން މައުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޤައުމަށް އަނބުރާ ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ ގޮތަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ފޮނުވާލެވުނުކަން ރަސްމީކޮށް އިއުލާންކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމުވެތިބިއިރު މިދިޔަ މާރިޗު އެއް ބަޔަކު ވަނީ ފޮނުވާލާފައެވެ. އަދި އޭޕްރިލް މަހުވެސް އިންޑިއާގެ ސިފައިންގެ ބަޔަކު ފޮނުވާލިއިރު، އެންމެފަހު ގްރޫޕް ވަނީ ހުކުރުދުވަހުގެ ނިޔަލަށް ރާއްޖެއިން ފައިބާފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލެވުނުގެ ގޮތުގެ ތަފްސީލް
އައްޑޫ ސިޓީ ގަން
7 މާރޗުގައި 12 ސިފައިން
9 މާރޗުގައި 14 ސިފައިން
ޖުމްލަ : 26 ސިފައިން
ހދ. ހަނިމާދޫ
7 އޭޕްރީލް 13 ސިފައިން
9 މެއި 12 ސިފައިން
ޖުމްލަ 25
ލ. ކައްދޫ
7 މެއި 12 ސިފައިން
9 މެއި 13 ސިފައިން
ޖުމްލަ 25
ޖުމްލަ 76 ސިފައިން
ނޫސްވެރިިންގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސެނެހިޔާގައި ތިބި ސިފައިންނަކީ ޑޮކްޓަރުން ކަމަށާއި އެމީހުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"ސެނެހިޔާގައި ތިއްބެވި ޑޮކްޓަރުންނަކީ ސިފައިންގެ އެދުމުގެ މަތިން ސިފައިންނަށް ހިދުމަތްކުރުމަށް އައިސް ތިބި ޑޮކްޓަރުން، ރައީސްގެ ވިސްނުންފުޅަކީ އެމީހުންގެ ފަރާތުންވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ގެއްލުމެއް އޮތް ނަމަ، ގެންދިޔުމަށް އިންޑިއާ ސަރުކާރުގައި ދަންނަވާނެ، އެހެން ނަމަވެސް މިވަގުތަށް އެކަމުގެ ނީޑެއް އޮތް ކަމަކަށް ނުދެކެން،" ވަޒީރު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ސެނެހިޔާގައި ތިބި އިންޑިއާ ސިފައިންގެ ޑޮކްޓަރުންގެ ޒިންމާއަކީވެސް ބަލި މީހުން ބެލުން ކަމަށެވެ. އެއްވެސް ކަހަލަ އަސްކަރީ ރޯލެއް އެމީހުންގެ ނޯންނާނެ ކަމަށް ވަޒީރު ޣައްސާނު ވިދާޅުވިއެވެ. އަދި އުތުރު ތިލަފަޅުގައިވެސް އެއްވެސް އަސްކަރީ އިންޑިއާ ސިފައިންގެ މީހެއް ނެތް ކަމަށްވެސް ޣައްސާނު ވިދާޅުވިއެވެ.