ޚަބަރު

ރައީސް މުއިއްޒުގެ ޓީމު ރޫޅާލުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ: އަބްދުއްރަހީމް


  • ސަރުކާރަށް އޮތް ތާއީދު މަޖިލިސް އިންތިހާބުގައި ހާމަކޮށްދީފައިވާކަަމަށް އަބްދުއްރަހީމް ވިދާޅުވި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ "ދިވެހީންގެރާއްޖެ ފެށުން" ޖަލްސާގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް ނިއުސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތެރޭގައި ބައިބައިވުން އުފައްދަން ބަޔަކު ދޮގު ވާހަކަތަކެއް ފެތުރިނަމަވެސް، އެ މަސައްކަތް ކާމިޔާބެއް ނުވާނެކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ކޮންގްރެސް ޕާޓީގެ ޗެއަރޕާސަން އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެ، ސޯޝަލް މީޑިއާގައި ޕޯސްޓްކުރައްވާފައި މިވަނީ ސަރުކާރާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތަކެއް ބައެއް ފަރާތްތަކުން ދައްކަމުންދާ ދަނޑިވަޅެއްގައެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަނިކުފާނުގެ އަގު ވައްޓާލައި، ރައްޔިތުންގެ ކުރިމަތީގައި އެމަނިކުފާނުގެ އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ބަޔަކު ފަތުރަމުންދިޔަކަމަށެވެ. ނަމަވެސް ދޮގު ވާހަކަތައް ބަޔަކު ފަތުރަމުންދަނިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ފުރިހަމަ ތާއީދާއި އިތުބާރު އޮތްކަން މަޖިލިސް އިންތިޚާބުގައި ރައްޔިތުން ސާބިތުކޮށްދީފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެކަން ބަލައި ނުގަނެވިގެން އެ މަނިކުފާނުގެ ޓީމު ރޫޅާލުމަށް އިތުރަށް ފަތުރާ ދޮގު ޚަބަރުތަކުން، އިންޝާالله އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައް ފަޟީޙަތްވުން ނޫން އިތުރުކަމެއް ޙާޞިލެއްނުވާނެ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ.މުޢިއްޒާއި އެމަނިކުފާނުގެ ޓީމު އޮތީ ބަދަހިކޮށްކަމަށެވެ. އަދި ދިވެހީން ދާނީ "މުޢިއްޒު ދުވެލީގައި" ގައުމައިގެން ކުރިއަށްކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.