ޚަބަރު

"ފިކުރީ ހަނގުރާމާގައި ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުން"


  • މީހަކު ކަމަކަށް އީމާންވާކަމުގައި ވާނަމަ އެއްވެސް ޝައްކު ކަމެއްނެތި އެކަމެއް ޔަޤީންކުރާނެ

  • ކުޅަދުންވަންތަ ކަލަކަށް މެނުވީ ފުރިހަމަ ނިޒާމުތަކެއްގެތެރޭގައި ހިންގުން ތަދުބީރެއް ނުކުރެވޭނެ

  • ނުފެންނަ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއްކަމަށް ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއްނޫން

ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ވައްދަމުންކަމަށާއި، މިއީ މިއަދު ސަމާލުވާންޖެހިފައިވާކަމެއްކަމަށް މިއަދުގެ ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޞޫއަކީ "ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް" އެވެ.

ޚުޠުބާގައި ވިދާޅުވީ މީހަކު ކަމަކަށް އީމާންވާ ކަމުގައި ވާނަމަ އެއްވެސް ޝައްކު ކަމެއްނެތި ޔަޤީންކަމާއެކު އެކަމެއް ޤަބޫލުކުރުމުން މެނުވީ އީމާންވީ ކަމުގައި ނުވާނެކަމަށެވެ. އެހެންކަމުން މާތްﷲ އަށް އީމާންވާ މީހާ، އެކަލާނގެއަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަކަށް ހިތުގައި އެއްވެސް ޝައްކުކަމެއް ނެތި ތެދުކޮށް ޔަޤީންކަމާއެކު ޤަބޫލުކޮށް، އީމާން ވާން ޖެހޭކަމަށެވެ.

އޭގެތެރެއިން އެންމެ ފުރަތަމަ އަދި އެންމެ މުހިންމު ކަމަކީ އެކަލާނގެ ވޮޑިގެންވާކަމަށް އީމާންވުން ކަމަށާއި، މިއީ ހުރިހާ ރަސޫލު ބޭކަލުންގެ ރިސާލަތުގެ އަސާސެއްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ކަލަކު ވޮޑިގެންވާކަމަށް އީމާންވުމަކީ އިންސާނާގެ ފިޠުރަތުގައި ﷲ تَعَالَى ލައްވާފައިވާ ކަމެއް، އަދި އިންސާނީ ނަސްލުގެ ދިގު ތާރީޚުގެ ހޯދުންތަކަށް ނަޒަރު ހިންގާލާއިރު، ބޮޑެތި ޙަޟާރާތްތަކުން ފެށިގެން ގޮސް ފަރުބަދަތަކުގެ ހޮހަޅަތަކާއި ޖަންގަލިތަކުގައި ދިރިއުޅުނު، އިންސާނީ ޙަޟާރާތްތަކާ ވަކިވެފައިވާ ޤަބީލާތަކަށް ބެލިކަމުގައި ވީނަމަވެސް، އިންސާނުން ފެނިފައިވަނީ ކޮންމެވެސް ސިފައެއްގައި ކޮންމެވެސް ކަލަކަށް އީމާންވާ ބައެއްގެ ގޮތުގައި،" ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ މާތް ﷲ ލައްވާފައިވާ ފިޠުރަތުން އިންސާނާ ބޭރުކުރުމަށްޓަކައި، ކަލަކު ވޮޑިގެންވާކަމުގެ ކައުނީ ޙަޤީޤަތާމެދު ޝައްކުތައް އުފައްދާ ފަރާތްތައް ވަނީ ގިނަވެފައިކަމަށެވެ. އެފަރާތްތަކުގެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނުވާކަން ބުއްދީގެ ހަމަތަކުން ރަނގަޅަށް ވިސްނައިފި ކޮންމެ މީހަކަށްވެސް އެނގޭނެކަމަށެވެ.

އަހަރެމެންގެ ވަށައިގެންވާ ކައުނުގައި ހިނގަހިނގާ ހުންނަ އެކިއެކި ނިޒާމުތަކަށް ބަލާލުމުން ފެންނަނީ ކަލަކު ވޮޑިގެންވާ ކަމުގެ ހެކިތައްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވިދާޅުވީ ފުރިހަމަ ނިޒާމެއްގެ ތެރޭގައި ދުނިޔޭގެ ހުރިހާ ކަމެއް، ވަކި ޤާނޫނެއްގެ ދަށުން ހިނގަހިނގާ ހުންނަކަމީ އެއްވެސް ފަރާތެއްގެ ހިންގުމަކާއި ބެލެހެއްޓުމެއްނެތި، އިއްތިފާޤަކުން ހިނގާ ކަމެއް ކަމުގައި އިންސާނާގެ ސަލާމަތް ބުއްދި ޤަބޫލެއް ނުކުރާނެ ކަމަށެވެ.

ކުޅަދުންވަންތަ ކަލަކަށް މެނުވީ މިހާ ފުރިހަމަ ނިޒާމުތަކެއްގެ ތެރޭގައި ދުނިޔޭގެ ހިންގުން ތަދުބީރެއް ނުކުރެވޭނެކަމަށް ޚިޠުބާގައި ވިދާޅުވިއެވެ. އަދި މިހުރިހާ ނިޒާމެއް ފުރިހަމައަށް ގުޅި ލާމެހިފައިވުމަކީ، އެކަންކަން ރާވައި ހިންގައި ތަދުބީރުކުރާ ފަރާތެއްނެތި އިއްތިފާޤަކުން ހިނގާކަމެއް ކަމަށް ބުނުމަކީ ބުއްދި ޤަބޫލުކުރާކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ޢަލްމާނިއްޔަތުގެ ފާސިދު ފަލްސަފާގެ ތެރެއިން ފަށާފައިވާ ވަރުގަދަ ފިކުރީ ހަނގުރާމާގައި، ޒުވާނުންގެ ސިކުނޑިތައް ދޮވެލައި، ސިޔާސަތާއި ދިރިއުޅުމުގެ ތެރެއިން ދީން ވަކިކޮށް، ކަލަކު ވޮޑިގެން ނުވާކަމުގެ ޝުބުހާތައް ޒުވާނުންގެ ސިކުނޑިތަކަށް ދަނީ ވައްދަމުންކަމަށެވެ.

"ވޮޑިގެންވާ ކަމަށް ތިޔަ ދަޢުވާކުރާ ކަލާނގެ ނުފެންނަނީ ކީއްވެތޯ އެބައިމީހުން ސުވާލުކުރޭ. އަދި ނުފެންނަ ނުވަތަ ޙިއްސުތަކުން އިޙުސާސްނުވާ ތަކެތި ޤަބޫލު ކުރުމަކީ ބޯދާ ކަމެއްކަމުގައި ވިސްނައިދޭން މަސައްކަތްކުރޭ. ނަމަވެސް ޙަޤީޤަތުގައި މިއީ ތާކުންތާކުޖެހޭ ވާހަކައެއް ނޫން. އެހެނީ ފެނުމަކީ ނުވަތަ ޙިއްސުތަކުން ސީދާގޮތެއްގައި އިޙުސާސްވުމަކީ، އީމާންވުމަށް ނުވަތަ ކަމެއް ޤަބޫލުކުރުމަށް ވާ ޝަރުޠެއް ނޫން" ޚުޠުބާގައި ވިދާޅުވިއެވެ.

އެހެންކަމުން ނުފެންނަ އަދި އަތްނުލެވޭ ކޮންމެ އެއްޗަކީ ވުޖޫދުގައިނުވާ އެއްޗެއްކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމަކީ ޞައްހަ ޤަބޫލުކުރުމެއްނޫންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.