ޚަބަރު

ކުރީގެ ރައީސް ނަޝީދުގެ ބޭސްފަރުވާއަށް 30 ދުވަސް އިތުރުކޮށްފި


ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބޭސްފަރުވާއަށް އިތުރު 30 ދުވަހުގެ މުއްދަތު ދިނުމަށް ކަރެކްޝަނަލް ސަރވިސްއިން ނިންމަވައިފިއެވެ. 

ޓެރެރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލުޙުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ދެއްވި މުއްދަތަށް 30 ދުވަސް އިތުރުކޮށްދެއްވައިފައި ވަނީ، އެމަނިކުފާނުގެ ބޭސްފަރުވާއާ ގުޅޭ ލިޔެކިއުންތައް ހުށައެޅުއްވުމުން ކަމަށް ކަރެކްޝަނަލް ސަރވިސްއިން މައުލޫމާތުދެއްވައެވެ. 

އެމަނިކުފާނުގެ ބޭސްފަރުވާގެ މުއްދަތު 30 ދުވަސް އިތުރުކޮށްދެއްވައިފައި ވަނީ، މިދިޔަ އެޕްރީލް މަހުގެ 19 ވަނަ ދުވަހުން ފެށިގެނެވެ. ރައީސް ނަޝީދު މައިބަދައިގެ އޮޕަރޭޝަން މިހާތަނަށް ކުރައްވައިފައިވާކަން ނުވަތަ ނުވަތަ ނުވާކަންވެސް ހާމަކުރައްވައިފައެއްނުވެއެވެ. އެހެންނަމަވެސް މިދިޔަ މަހުގެތެރޭގައި އެމަނިކުފާނު ހޭފުޅުނައްތައިގެން މެޑިކަލް ޕްރޮސީޖަރއެއް ހެއްދެވިކަމަށް ރައީސް ނަޝީދުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ. 

ރައީސް ނަޝީދުގެ ބޭސްފަރުވާގެ މުއްދަތު ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑުން އިތުރުކޮށްދެއްވައިފައިވަނީ، އެކަމާމެދު ގޮތެއް ކަނޑައެޅުއްވުމަށް ހޯމް މިނިސްޓަރ އެބޯޑަށް އެންގެވުމާ ގުޅިގެނެވެ. ރައީސް ނަޝީދު ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފައިވަނީ މިދިޔަ ޖެނުއަރީމަހުގެ 18 ވަނަދުވަހުއެވެ.