ޚަބަރު

ޣައްޒާގެ ރަފަޙް ހުރަސް ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންގޮސްފި


ފަލަސްޠީނުގެ ޣައްޒާއަށް ކާބޯތަކެތި ވެއްދެން އޮތް ހަމައެކަނި މަގު, ރަފަޙް ހުރަސް ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ. ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙުގައި މި ވަގުތު 1.5 މިލިޔަނެއްހާ ރައްޔިތުން އެބަތިއްބެއެވެ. ޔަހޫދީ ފައުޖުން ރަފަޙަށް އަރާފައި ވަނީ ބަރުހަތިޔާރާއި އަސްކަރީ ޓޭންކުތަކާ އެކުގައެވެ.

ރަފަޙް ހުރަހަކީ މިޞްރާއި ޣައްޒާ ގުޅޭ ސަރަޙައްދީ ރޮނގުގައި އޮންނަ ހުރަހެކެވެ. އެ ތަން ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންދިޔުމާ އެކު, ޣައްޒާއަށް ވަދެނިކުމެ ވެވެން އޮތް ހުރިހާ ދޮރެއް މި ވަނީ ޔަހޫދީންގެ އަތްދަށަށް ގޮސްފައެވެ. ރަފަޙް ހުރަސް ޔަހޫދީ ފައުޖުގެ ބާރުގެ ދަށަށް ގެންދިޔުމުގެ ކުރިން ރަފަޙަށް ވަރުގަދަ ވައިގެ ޙަމަލާތަކެއްދީ, 12 މީހުން ޝަހީދު ކޮށްލިއެވެ.

ޔަހޫދީ ފައުޖުން ރަފަޙް ހުރަަހަށް އަތްގަދަ ކޮށްފައި މި ވަނީ, ޣައްޒާގެ މުސްލިމުން ނެތި ކޮށްލަން އެ މީހުން ހިންގަމުންދާ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން ޤަޠަރާއި މިޞްރުން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުންތައް ގަބޫލު ކޮށްފައިވާ ކަން ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް, ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ, އެ ހުށަހެޅުންތައް ގަބޫލު ނުކުރާނެ ކަމަށް ބުނެ, ޢުދުވާންތައް ހުއްޓައިލަން ދެކޮޅު ހަދާފައެވެ. އޭނާގެ ސަރުކާރުން ބުނީ, ހުށަހެޅުންތަކުގައި ޔަހޫދީންގެ ބޭނުންތައް ހާސިލު ކުރެވެން ނެތް ކަމުގައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރާ ޤަޠަރުން ބުނީ, ހަމާސުން އެއްބަސްވެފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ޤައުމުގެ ވަފުދެއް މިޞްރަށް ދަތުރު ކުރާނެ ކަމުގައެވެ. އަދި, މިޞްރުގެ އޮފިޝަލުންނާ އެކު, ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު އިތުރު މަޝްވަރާތައް ބާއްވާނެ ކަމުގައެވެ.

ރަފަޙަށް އެއްގަމު މަގުން އަރައި ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީ ފައުޖުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. ރަފަޙުގެ ހުރަސް ހިފާފައި މި ވަނީ މި ޢުދުވާނަށް ތައްޔާރުވުމުގެ ގޮތުންނެވެ. ޖައްބާރު ނަތަންޔާހޫގެ އޮފީހުން ބުނީ, ރަފަޙަށް ޢުދުވާން ފުޅާ ކުރަން އޭނާގެ ހަނގުރާމައިގެ ކެބިނެޓުން ރުހުން ދީފައިވާ ކަމުގައެވެ. މިއީ ސުލްޙައިގެ މަޝްވަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީން ނިންމާފައިވާ ނިންމުމެއް ކަމަށް އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން އަލް-ޞަފްދީ ސިފަކުރެއްވިއެވެ.

އެމެރިކާއިން ވެސް ވަނީ ޙަމާސުން އެއްބަސްވެފައިވާ ހުށަހެޅުމާ އެކު ކުރިއަށް ދިޔުމަށް މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މެތިޔު މިލަރ ވިދާޅުވީ ޙަމާސުން އެއްބަސްވެފައިވާ ހުށަހެޅުންތަކަށް ޔަހޫދީން ރުއްސަން މަސައްކަތް ކުރާނެ ކަމުގައެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,789އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 78,204އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން
ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.