ވިޔަފާރި

ޓިކެޓަށް ޑޮލަރު ދޫކުރަން، ބާޒާރު ބްރާންޗު ޚާއްސަ ކުރަނީ


ރާއްޖެއިން ބޭރަށްދާ މީހުންނަށް ޚާއްޞަކޮށްގެން ޓިކެޓަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ޑޮލަރު މިމަހުގެ އަށަކުން ފެށިގެން ދޫކުރަން ޚާއްޞަކޮށްފައިވަނީ ބާޒާރު ބްރާންޗް ކަމަށް އެބޭންކުން ބުނެފިއެވެ.

ބާޒާރު ބްރާންޗުގައި މިކަމަށް ޚާއްޞަ ކައުންޓަރުތަކެއް ހުންނާނެކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ. މިގޮތަށް ނިންމީ ބެންކުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ލުއިފަސޭހަކޮށް ޚިދުމަތްދިނުމުގެ ބޭނުމުގައި ކަމަށްވެސް އެ ބޭންކުން ބުނެއެވެ. ރާއްޖެއިން ބޭރަށްދާ ފަރާތްތަކަށް ވިއްކާ ޑޮލަރު ފިޔަވައި އެހެން ބޭނުންތަކަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް އެހެން ބްރާންޗްތަކުން ލިބޭނެކަމަށްވެސް ބީ.އެމް.އެލްއިން ބުނެއެވެ. 

ރާއްޖެއިން ބޭރަށްދާ ދިވެހިންނަށް، އެމްއެމްއޭގެ އެދިވަޑައިގަތުމުގެ ދަށުން، މިގޮތަށް ކޮންމެ ޓީކެޓަކަށް 500 ޑޮލަރު ވިއްކަން ފުރަތަމަ އިސްނެގީ ބީ.އެމް.އެލްއިންނެވެ. އެ ބޭންކުން މަހަކު ދިހަ ހާހަށްވުރެ ގިނަ ދަތުރުވެރިންނަށް މިޚިދުމަތް ދެމުންދާކަމަށް ބީ.އެމް.އެލްއިން ފާހަގަކުރައްވައެވެ.