ޚަބަރު

ހިޔާނާތްތެރިވެގެން އޭޑީކޭގެ މުވައްޒަފުންތަކެއް ހައްޔަރުކޮށްފި


މިލިއަނަކަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވެގެން އޭޑީކޭ ހޮސްޕިޓަލުގެ 3 މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވީ މިދިޔަމަހުގެ ތިރީސްވަނަ ދުވަހު ހުށަހެޅުނު މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢުމުރުން 19 އަހަރުގެ 2 ފިރިހެނުންނާއި އުމުރުން 21 އަހަރުގެ ފިރިހެނެއްކަމަށާއި، މިއެންމެނަކީވެސް ދިވެހިންކަމަށެވެ. އަދި މި މައްސަލާއާ ގުޅިގެން ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގިނަ ޢަދަދެއްގެ ފައިސާ އާއި ފައިސާގެ މުޢާމަލާތް ކުރަން ބޭނުންކުރަމުންދިޔަ ވަޞީލަތްތަކާއެކުކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިގޮތުން ހައްޔަރުކުރި ފުރަތަމަ މީހާ ހައްޔަރުކޮށްފައިވަނީ ގިނަ ޢަދަދެއްގެ ފައިސާއާއެކު އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ބޭރުން މަގުމަތިންކަމަށާއި، އަނެއް ދެ މީހުން ހައްޔަރު ކޮށްފައިވަނީ އޭ.ޑީ.ކޭ. ހޮސްޕިޓަލްގެ ތެރެއިންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިހާތަނަށް ތަޙްޤީޤުން ހޯދި ހޯދުންތަކުން އެނގޭގޮތުގައި މިއަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ އޭޕްރީލްމަހުގެ ނަވާވިސްވަނަ ދުވަހާއި ހަމައަށް މި ތިން މުވައްޒަފުން ގުޅިގެން އެއް މިލިޔަން ރުފިޔާއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، ބަންދުގައި ބައިތިއްބައިގެން މައްސަލަ ތަޙްޤީޤު ކުރަން 07 ދުވަހުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ވަނީ ދެއްވާފައެވެ.