ކުޅިވަރު

ޖެމެއިކާގައި ދުވެ ރޫޔާ، ޒިވާ އަދި މިންހާލަށް ރިކޯޑެއް


ޖެމެއިކާގައި ކުރިއަށްދިޔަ "ޖޭއޭއޭއޭ އޯލް ކަމާސް މީޓް" ގައި ވާދަކޮށް ރާއްޖޭގެ މަރިޔަމް ރޫޔާ އަލީ އާއި، ޒިވާ މޫސާ ޝަފީއު އަދި މުޙައްމަދު މިންހާލް ޝާމިން ރިކޯޑުތަކެއް އައުކޮށްފިއެވެ.

އެގޮތުން ރޫޔާ ވަނީ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު މުގުރާލާފައެވެ. މި ރިކޯޑު އެންމެ ފަހުން އޮތީ 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ވާދަކުރި އައިޝަތު ހިމްނާ ހަަސަންގެ އަތުގައެވެ. ހިމްނާ އެ ފަހަރު ރިކޯޑު މުގުރާލީ، 21 އަހަރު ވަންދެން އެ ރިކޯޑު އޮތް ޝަމްހާ އަޙްމަދުގެ ޓައިމިން އަށްވުރެ އަވަހަށް ނިންމައިގެންނެވެ. އެއީ 12.17 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެކަމަކު އިއްޔެ ޖެމެއިކާގައި ކުރިއަށްދިޔަ "ޖޭއޭއޭއޭ އޯލް ކަމާސް މީޓް" ގައި ވާދަކޮށް ރޫޔާ ވަނީ 100 މީޓަރު ރޭސް، 12.02 ސިކުންތުން ނިންމައި، ގައުމީ ރިކޯޑު މުގުރާލާފައެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސްކޮލަޝިޕްގެ ދަށުން ޖެމެއިކާގައި ތަމްރީނު ހަދަމުން އަންނަ ރޫޔާ ވަނީ މިދިޔަ އޭޕްރީލް މަހު 100 މީޓަރު ދުވުމުގެ ޖޫނިއަރ ރިކޯޑުވެސް މުގުރާލާފައެވެ.

މީގެ އިތުރުން ޒިވާ ވަނީ 200 މީޓަރު ދުވުމުގެ ޖޫނިއަރ ރިކޯޑު މުގުރާލާފައެވެ. އޭނާ ރިކޯޑު މުގުރާލީ 25.60 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ އަހްނާ ނިޒާރުގެ އަތުގައެވެ. އެގޮތުން އޭނާ ރިކޯޑު ހަދާފައިވަނީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކޮށް 25.66 ސިކުންތުން ރޭސް ނިންމައިގެންނެވެ.

މީގެ އިތުރުން މިންހާލް ވަނީ 100 މީޓަރު ދުވުމުގެ ގައުމީ ޖޫނިއަރ ރިކޯޑު އައުކޮށްފައެވެ. އެގޮތުން އޭނާ ރިކޯޑު އައުކުރީ 10.73 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ޖޫނިއަރ ރިކޯޑު މީގެ ކުރިންވެސް އޮތީ މިންހާލްގެ އަތުގައެވެ. އެއީ މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގެ 100 މީޓަރު އިވެންޓުގައި ވާދަކޮށް 10.82 ސިކުންތުން ރޭސް ނިންމައިގެންނެވެ.