ޚަބަރު

އަންހެން ހެދުން އަޅައިގެން ވީޑިއޯ ޢާންމުކުރާ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް


  • ހައްޔަރުކުރީ 39 އަހަރުގެ ދިވެހި ފިރިހެނެއް

  • އޭނާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައި

އަންހެން ހެދުން އަޅައިގެން ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކުރާ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ދީފިއެވެ.

ފުލުހުން ވިދާޅުވީ އޭ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު ވޯޑިއޯތައް އާންމުކުރާ އެ ފިރިހެން މީހާ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ މީހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން މި މައްސަލަ ތަހުޤީޤު ކުރަމުންދާއިރު، މި ފިރިހެންމީހާއަކީ މީގެ ކުރިންވެސް މިފަދަ މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމެއްވެސް އޭރު ކުރިއެވެ.