ޚަބަރު

ރަޝިޔާއިން ހަރްކިވާއި ދްނީޕްރޯއަށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފި


ރަޝިޔާއިން ޔޫކްރެއިންގެ ހަރްކިވާއި ދްނީޕްރޯ ސަރަޙައްދަށް ވަރުގަދަ ޑްރޯން ޙަމަލާތަކެއްދީ, ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. ޢުމްރާނީ ވަަސީލަތްތަކާއި, ވިޔަފާރި މަރުކަޒުތަކުގެ އިތުރުން ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް އަމާޒުކޮށް ދީފައިވާ މި ޙަމަލާތަކުގައި ހަ މީހުން ޒަޚަމުވިއެވެ.

ޔޫކްރެއިނުން ބުނީ, ޙަމަލާތަކުގައި ރަޝިޔާއިން ބޭނުން ކޮށްފައި ވަނީ އީރާނުން ފޯރުކޮށްދީފައިވާ ޝާހިދް މަރުކާގެ ޑްރޯން ކަމުގައެވެ. މި ގޮތުން, ޔޫކްރެއިންގެ އިރުއުތުރުގައިވާ ސަރަޙައްދުތަކަށް ޙަމަލާ ދޭން ރަޝިޔާއިން 13 ޑްރޯން ބޭނުން ކޮށްފައިވާ ކަމުގައި ޔޫކްރެއިނުން ބުންޏެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ, އެ ހުރިހާ ޑްރޯނެއް ދިފާޢުކޮށް, ވައްޓައިލާފައިވާނެ ކަމުގައެވެ.

މި ޙަމަލާތަކުގައި ހަ މީހުން ޒަޚަމުވެފައި ވަނީ, ދިފާޢު ކޮށްފައިވާ ޑްރޯންތަކުގެ ބައިތައް ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ވެއްޓުމާ ގުޅިގެންނެވެ. ހަ މީހުން ވެސް ޒަޚަމުވެފައި ވަނީ ހަރްކިވުންނެވެ. އެ ސަރަޙައްދުގެ ގަވަރުނަރު އޮލެހް ސިނެހުބޮވް ވިދާޅުވީ, އެއް ޑްރޯންގެ ބައިތައް ވެއްޓި އޮފީސް ޢިމާރާތެއްގައި އަލިފާން ރޯވި ކަމުގައެވެ.

ޒަޚަމުވި ހަ މީހުންގެ ތެރޭގައި 13 އަހަރުގެ އަންހެން ކުއްޖަކާއި, ތިން އަންހެނުން ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދޭން ޖެހިފައި ވަނީ ހަސްފަތާލުގައި އެޑްމިޓު ކޮށްގެންނެވެ. ސިނެހުބޮވް ވިދާޅުވީ, ޢިމާރާތްތަކުގައި ރޯވި އަލިފާންގަނޑުތައް ނިއްވައިލަން އަލިފާން ނިއްވާ އިދާރާއިން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

ރަޝިޔާ އިސްތިޢުމާރީ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ސަރަޙައްދު, ލުހާންސްކާއި ދޮންޏެސްކު ހިމެނެއެވެ. އަދި, ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ރަޝިޔާގެ ފައުޖާ ދެކޮޅަށް ޔޫކްރެއިނުން ވަނީ ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ފަށާފައެވެ.