ޚަބަރު

ސިހުރު ހެދިކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް


  • ސިހުރު ހެދިކަމަށް ތުހުމަތުކުރެވިގެން މީހަކު ހައްޔަރުކުރީ އިއްޔެ

  • ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެއް

ށ. ފުނަދޫގައި ސިހުރު ހެދިކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.

ސިހުރު ހެދިކަމަށް ތުހުމަތުކުރެވިގެން މި މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފުލުހުން ވިދާޅުވީ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ފުނަދޫ މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކުރައްވާފައެއްނުވެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙްޤީޤުކުރަމުންނެވެ.

ސިހުރު ހެދިކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، ފުނަދޫގެ އިންތިޚާބީ މެންބަރަށް އަމާޒުކޮށް ސިހުރު ހަދަން އެރަށަށް އެރިކަމަށްބުނާ އެމީހާ، ސިހުރު ހަދާ ތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ޢާންމުވެފައެވެ.