ޚަބަރު

" މިދިޔަ އަހަރު ޝަރުޢީ ދާއިރާއަށް ކުރިއެރުންތަކެއް ހޯދުނު "


ނިމިގެންދިޔަ އަހަރަކީ، ޝަރުއީ ދާއިރާގެ މަސައްކަތަށް ގިނަ ކުރިއެރުންތަކެއް ހޯދުނު އަހަރެއް ކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ވިދާޅުވެއްޖެއެވެ. 

ޖުޑިޝަރީ އަހަރު 2016 އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، އަދުލު އިންސާފުގެ ހިންގުން ހަރުދަނާ ކުރުމަށް 2015 ވަނަ އަހަރު ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ އިސްތިއުނާފަށް ހުށަހެޅުމަށް އޮންނަ މުއްދަތު ކުރުވެގެން ދިއުން ކަމަށެވެ. އަދި ހައިކޯޓުގެ ދެގޮތްޕެއް ގާއިމް ކުރުމާއި، ސިވިލް ކޯޓުގެ ފަސް ޑިވިޝަނެއް އެކުލަވާލައި މަސައްކަތްތައް ހަރުދަނާ ކުރެވިގެން ދިއުމާއި ކޯޓުތަކުގައި ދިގުލައިގެން ގޮސްފައިހުރި މައްސަލަތައް އަވަހަށް ނިންމުމަށް އެޅިފައިހުރި ފިޔަވަޅުތައް ފާހަގަކުރެއްވިއެވެ. 

އުއްތަމަ ފަޑިޔާރު ވިދާޅުވީ، ޝަރުއީ ދާއިރާގައި އަދިވެސް ގިނަ ކަންތައްތަކެއް ހަރުދަނާކުރަން ނިންމާފައިވާކަމަށެވެ. އަދި އެކަމަށްޓަކައި މިއަހަރު ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ގާނޫނީ ވަކީލުންނަށް ބޭނުންވާ ލީގަލް ޓްރެއިނިންގެ ގިނަ ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށް އަބްދުﷲ ސައީދު ވިދާޅުވިއެވެ. އަދި ޝަރުއީ ދާއިރާގައި ހަރަކާތްތެރިވާ ފަނޑިޔާރުންނާއި ގާނޫނީ ވަކީލުން އަދި މުވައްޒަފުންނަށް އިތުރު ތަމްރީނު ދިނުމަށްވެސް ގިނަ ޕްރޮގްރާމުތަކެއް ހިންގަވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.