ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް، މަރިޔަމް ވަހީދާ ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންދުވަހާއި ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފޮނުއްވި ވީޑިއޯ މެސެޖުގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމަކީ ރާއްޖެއަށް ވަރަށް މުހިއްމުކަމެއްކަން ފާހަގަކުރައްވާފައެވެ.
މަރިޔަމް ވަހީދާ ވިދާޅުވީ ރާއްޖޭގައި ދިމިގްރާތީ އުޞޫލްތައް ދަމަހައްޓަން ބޭނުންވާނަމަ ނޫސްވެރިންނަށް ދޭ މިނިވަންކަން މިހާރަށް ވުރެ ފުޅާކުރަންޖެހޭކަމަށެވެ އަދި ނޫސްވެރިކަމުގެ އެތިކްސްއާއި އެހެނިހެން މަޢުލުމާތުތަކަށް ނޫސްވެރިންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަރިޔަމް ވަހީދާ ވިދާޅުވީ ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރަންޖެހޭކަމަށެވެ.
"ރާއްޖޭގައި ކުރިއާ އަޅާބަލާއިރު ނޫސްވެރިކަމުގެ މިނިވަންކަން މިހާރު ވަނީ ފުޅާވެފައި. ނަމަވެސް ހުރިހާ ގޮތަކުން މިނިވަންކަން ލިބިފައިވާކަން ދެންނެވޭކަން ނެތް. ބައެއް ދަތިތައް ތަޙައްމަލު ކުރަމުން ނޫސްވެރިން ދޭ. މިހާރުވެސް ނޫސްވެރިންގެ ފަރާތުންނާއި ބައެއް މީޑިއާތަކުންވެސް މައްސަލަތައް ހުށައަޅާ. އަދި އެ މައްސަލަތައް ބެލުމުގެ ކަންކަން އަޅުގަނޑުމެން ކުރަން" ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ ވިދާޅުވިއެވެ.
މަރިޔަމް ވަހީދާގެ މެސެޖުގައި ނޫސްވެރިކަމުގެ މިނިވަންކަން އެގޮތުގައި ބޭއްވުމަށް ނޫސްވެރިންނާއި ގުޅިގެން މަސައްކަތް ކުރައްވާނެކަމަށެވެ.
ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންދުވަހާއި ގުޅިގެން ފޮނުއްވި މެސެޖުގައި މަރިޔަމް ވަހީދާ ވަނީ ދުނިޔޭގެ އެކަންކޮޅުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން ތަފާތުތައް ދަތިތަކާއި އުނދަގޫތައް ތަހައްމަލުކުރަމުންދާކަމަށެވެ. އެގޮތުން ޔަހޫދީންގެ އަނިޔާވެރިކަމާއި ކުރިމަތިލާންޖެހިފައިވާ ފަލަސްތީންގެ ރައްޔިތުން އުޅޭ ހާލު ދުނިޔެއަށް ހާމަކޮށްދިނުމަށް މަސައްކަތްކުރާ ނޫސްވެރިންނަށް ދިމާވާ ދަތިތަކާއި އުނދަގޫތައް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވިއެވެ.