ޚަބަރު

މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފި


ވައިގެ މަގުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ވިދާޅުވީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް އިން އިއްޔެ ހިންގި ދެ އޮޕަރޭޝަނެއްގައިކަމަށެވެ. 

މީގެތެރެއިން 29 އަހަރުގެ ފިރިހެންމީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހެނދުނު ކޮލަމްބޯއިން ރާއްޖެ އައި ފްލައިޓަކުން، ރާއްޖެ އައިތަނުން އެމީހާގެ ލަގެޖް ކަސްޓަމްސް އޮފިސަރުން ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ޓްރޯލީ ބޭގެއްގެ ތެރޭގައި އޮތް އަތް ދަބަހެއްގެ ތެރެއިން 940 ގްރާމް ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ފެނުމާއި ގުޅިގެންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. 25 އަހަރުގެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ މެންދުރުފަހު ކޮލަމްބޯއިން ރާއްޖެ އައި ފްލައިޓަކުން ރާއްޖެ އައިތަނުން ކަސްޓަމްސް އޮފިސަރުން އޭނާ ގެންގުޅުނު ފޮއްޓެއް ބަލައިފާސްކުރިއިރު އެފޮށި ތެރެއިން 760 ގްރާމްގެ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ފެނުމާއި ގުޅިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ދެ މައްސަލަވެސް މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންކަމަށް ފުލުުހުން ވިދާޅުވެއެވެ.