ކުޅިވަރު

މިއީ ދުނިޔޭގެ ފެންވަރުގައި އެންމެ އަގުބޮޑު އެއް މުބާރާތް: ނާސިފް


މޯލްޑިވްސް އޯޕަން 2024 - 10 ބޯލް ޗެމްޕިއަންޝިޕަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ ބިލިއާޑް މުބާރާތްތަކުގެ ތެރެއިން އެންމެ އަގުބޮޑު އެއް މުބާރާތް ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ރައީސް އަޙްމަދު ނާސިފް ވިދާޅުވެއްޖެއެވެ.

މި އަހަރުގެ މުބާރާތުގެ އިނާމު ފައިސާގެ ގޮތުގައިވެސް ވަނީ 130،000 (އެއްލައްކަ ތިރީސްހާސް) ޑޮލަރު ހިމަނާފައެވެ. މުބާރާތް ލޯންޗުކުރުމަށް ގައުމީ ބިލިއާޑް ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަދައްކަވަމުން ނާސިފް ވިދާޅުވީ މި މުބާރާތް ފުރަތަމަ ފަހަރަށް މިދިޔަ އަހަރު ބޭއްވިއިރު އަމާޒަކަށްވީ ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ބަޔަކަށް މުބާރާތް އަންގަދިނުން ކަމަށާއި، އެގޮތުން އެކި ފެޑްރޭޝަންތަކާއި ގުޅިގެން 48 ކުޅުންތެރިންނަށް މިދިޔަ އަހަރު ދައުވަތުދިން ކަމަށެވެ. އަދި މި މުބާރާތަކީ ދުނިޔޭގެ ރޭންކިންގެ އިތުރުން އޭޝިއާގެ ރޭންކިންގައިވެސް ހިމެނޭ މުބާރާތެއް ކަމަށް ނާސިފް ވިދާޅުވިއެވެ.

"
މިދިޔަ އަހަރާ ޚިލާފަށް މި އަހަރު އަޅުގަނޑުމެން ބެލީ ޕާޓިސިޕަންޓުން އިތުރު ކުރުމަށް. އެގޮތުން ދިވެހިރާއްޖޭގައި ބާއްވާ ކަމަށްޓަކައި އަޅުގަނޑުމެންގެ ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ އެޑްވާންޓޭޖުތަކެއް ހުންނާނެ. އެގޮތުން ދިވެހި ކުޅުންތެރިންގެ 16 ސީޓް ސީޑްވެގެންދާނެ. މީގެ ސަބަބުން ހޯމްގައި ކުޅޭ މުބާރާތަކަށްވުމުން އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އެޑްވާންޓޭޖް ނެގޭނެ.
އަޙްމަދު ނާސިފް - އެމްޕީބީއޭގެ ރައީސް

މި ރަސްމިއްޔާތުގައި ނާސިފް ވަނީ އަދުގެ ސަރުކާރުން ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމައްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ކުޅިވަރާ ބެހޭ ވަޒީރު ކުރައްވާ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ. ނާސިފް ވިދާޅުވީ މި މުބާރާތުން ވަރަށް ގިނަ އަމާޒުތަކެއް އެސޯސިއޭޝަނުން ހާސިލުކުރަން ބޭނުންވާ ކަމަށާއި، އެގޮތުން ގައުމީ ތަރައްގީގައި ކުޅިވަރު ކުރެއެރުވުމަށް ބިލިއާޑަކީ މަސައްކަތްކުރަމުންދާ ބައެއްކަން ސާބިތުކޮށްދެން ބޭނުންވާ ކަމަށެވެ.

ނާސިފް ވިދާޅުވީ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ސީޑްކުރާ މުބާރާތަކަށް މި މުބާރާތް ހެދުން ކަމަށެވެ. އަދި އެންމެ ބޮޑު ވިސްނުމަކީ އަންނަ އަހަރު މުބާރާތުގެ ބައިވެރިންގެ އަދަދު 128 އިތުރުކުރުން ކަމަށްވެސް ވިދާޅުވިއެވެ. ނާސިފް ވިދާޅުވީ ދުނިޔޭގެ އެހެން ހިސާބުތަކުގައި މިފަދަ މުބާރާތްތައް ބާއްވާ ފެންވަރުގައި މުބާރާތް ބޭއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ރަނގަޅު އަސަރުތަކެއް ކުރާނެ ކަމެއް ކަމަށެވެ.

"
މިއީ ރާއްޖޭގެ ރީތިކަން ބަލާލުމަށް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނަށް ލިބިގެންދާ ފުރުސަތެއްގެ އިތުރުން، ޓޮޕް ލެވަލްގެ ޕްރައިޒް މަނީއެއްގައި ދުނިޔޭގެ ފެންވަރުގެ ބޭއްވޭ މުބާރާތެއް.
އަޙްމަދު ނާސިފް - އެމްޕީބީއޭގެ ރައީސް

މިއީ މޯލްޑިވްސް އޯޕަން ބިލިއާޑް މުބާރާތް ބާއްވާ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި މުބާރާތުގައި 24 ގައުމަކުން 64 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. އެ އަހަރުގެ މުބާރާތް ފަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށްދިޔައިރު، ސޯޝަލް މީޑިއާއިން ފަސް މިލިޔަނަށް ވުރެ ގިނަ މީހުން މުބާރާތް ބަލާފައިވާ ކަމަށް އެމްޕީބީއޭއިން މައުލޫމާތުދެއެވެ.