ޚަބަރު

ރަފަޙުގެ ޢުދުވާން ހުއްޓުވަން ޑިމޮކްރެޓުން ބައިޑަނަށް ބާރު އަޅަނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙަށް ފުޅާ ކުރުން ހުއްޓުވުމަށް އެމެރިކާގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީން ރައީސް ޖޯ ބައިޑަންގެ ސަރުކާރަށް ބާރު އަޅަން ފަށައިފިއެވެ. ޔަހޫދީ ފައުޖުން މިހާރު ދަނީ އެއްގަމު މަގުން ރަފަޙަށް އަރައި, ޢުދުވާންތައް ފުޅާކޮށް, އިތުރު ގަތުލުއާންމުތައް ހިންގައި, އެ ރަށުގައި ތިބި ފަލަސްޠީނުގެ މުސްލިމުންގެ ލޭއޮހޮރުވައިލަން ތައްޔާރުވަމުންނެވެ.

ޔަހޫދީން އަޅުވެތި ކޮށްފައިވާ ޣައްޒާއަކީ 2.3 މިލިޔަން މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެެވެ. ނަމަވެސް, އެ ސަހަރުގެ އާބާދީގެ ތެރެއިން 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ރަފަޙުގައެވެ. އޭގެ ތެރޭގައި 600,000އެއްހާ ކުޑަކުދިން ހިމެނޭ ކަމުގައި ޔުނިސެފުން ބުނެއެވެ. ތޮއްޖެހިފައިވާ ހާލުގައި އެ މީހުން ދިރިއުޅެމުން ދަނީ ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައެވެ.

އެ ރަށަށް ޢުދުވާން ފުޅާ ކުރުން ހުއްޓުވަން މަސައްކަތް ކުރުމަށް ގޮވައިލާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ ބައިޑަނަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި, އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ 212 މެންބަރުންގެ ތެރެއިން 57 މެންބަރުން ވަނީ ސޮއި ކުރައްވާފައެވެ. ސިޓީގައި އެ މެންބަރުން ވަނީ, ރަފަޙަށް ސިފައިން ފޮނުވުން ހުއްޓުވަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ބައިޑަންގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.

"އެ ކަން ހުއްޓުވުމުގެ ގޮތުން އެމެރިކާގެ ޤާނޫނުތަކާއި ސިޔާސަތުތަކުގެ ދަށުން އިސްރާއީލަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުން މެދުކެނޑައިލެވޭނެ. ރަފަޙަށް ޢުދުވާން ފުޅާ ކުރުން ހުއްޓުވުމުގެ ގޮތުން މިހާރު ފާސްކޮށްފައިވާ ބިލުގެ ދަށުން އެހީ ދޫކުރުން މެދުކަނޑައިލަން އިރުޝާދު ދެން،" ޑިމޮކްރެޓުން ފޮނުވި ސިޓީގައި ގޮވައިލާފައިވެއެވެ. މި ކަމުގައި އިސްކޮށް އުޅުއްވާފައި ވަނީ ހައުސްގެ މެންބަރުން ކަމުގައިވާ ޕްރަމީލާ ޖަޔަޕާލާއާއި މެޑެލެއިން ޑީނެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ހުއްޓުވަން އެމެރިކާގެ ސަރުކާރަށް ބާރު އެޅުމުގެ ގޮތުން އެ ޤައުމުގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވަރސިޓީތަކުގެ ދަރިވަރުން ވެސް ދަނީ އަޑު އުފުލަމުންނެވެ. މި ގޮތުން, އެތަކެއް ހާސް ދަރިވަރުންނާއި ޢާންމުން ވަނީ ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި ފޭލިގެ ޖަހައި, ހަޅުތާލު ކުރަން ފަށާފައެވެ. އެ މުޒާހަރާތައް ހުއްޓުވަން ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. އަދި, މިހާތަނަށް 1,000އަށްވުރެ ގިނަ ދަރިވަރުންނާއި ޢާންމުން ވަނީ ފުލުހުންގެ ހައްޔަރަށް ގެންގޮސްފައެވެ.

ރަފަޙަށް ޢުދުވާން ފުޅާ ކުރުމާ ދެކޮޅަށް އެމެރިކާއިން މީގެ ކުރިން ވެސް އަޑު އުފުލާފައިވެއެވެ. އަދި, ރަފަޙަށް އެއްގަމު މަގުން އެރުމުގެ ކުރިން އެ ރަށުގައި ތިބި ޢާންމުންގެ ފުރާނަ ހިމާޔަތް ކުރަން ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާއިން ވަނީ ޒަޔަނިސްޓު އިސްރާއީލަށް ގޮވައިލާފައެވެ. ނަމަވެސް, އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވީ, އެ ފަދަ އެއްވެސް ރޭވުމެއް ފެންނަން ނެތް ކަމުގައެވެ. ރަފަޙުގައި ހިންގާ ޢުދުވާނަކަށް އެއްބާރުލުން ނުދޭނެ ކަމަށް ވެސް އެމެރިކާއިން ބުނެފައިވެއެވެ.

މީގެ ހަ މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,596އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,816އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.