ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި


  • ތައުޒިޔާގެ މެސެޖެއް ފޮނުއްވީ ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އަވަހާރަވުމާއި ގުޅިގެން

  • ޝައިހް ތަހްނޫނަކީ ޔޫއޭއީގެ ސަރުކާރުގެ އިސް މަޤާމުތަކެއް ގިނަ ފުރުއްވާފައިވާ ބޭފުޅެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީގެ ރައީސް ޝައިޚް މުހައްމަދު ބިން ޒައިދު ބިން އަލްނަހްޔާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ޔޫއޭއީގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވީ ޔޫއޭއީގެ ޝާހީ އާއިލާގެ އިސް ބޭފުޅެއްކަމަށްވާ އަދި ޔޫއޭއީ ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ޝައިހް ތަހްނޫން ބިން މުހައްމަދު އަލް ނަހްޔާން އިއްޔެ އަވަހަރާވުމާއި ގުޅިގެނެވެ.

ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީގެ ރައީސަށް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ޝައިހް ތަހްނޫން އަވަހާރަވުމާއި ގުޅިގެން ކުރިމަތިވި ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުންނާއި އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ސަޢޫދީ ޝާހީ ޢާއިލާއަށާއި، އެޤައުމުގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އުމުރުފުޅުން 82 އަހަރުގައި އަވަހާރަވި ޝައިހް ތަހްނޫނަކީ ޔޫއޭއީގެ އިރުމަތީގައި އޮންނަ އަލްއައިން ސަރަހައްދުގައި ޔޫއޭއީގެ ރައީސްގެ ފަރާތުން ހުންނަވާ މަންދޫބެވެ. އަދި ޝައިހް ތަހްނޫން ބޮޑަށް ފާހަގަވެފައިވަނީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ޝައިހް ޒައިދުގެ ޒައާމަތުގައި ޝައިހް ތަހްނޫން ވަނީ ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އަދި ޝައިޚް ޒައިދުގެ ޒަައާމަތަށްފަހުވެސް ޔޫއޭއީ ސަރުކާރުގެ އިސް މަޤާމުތަކެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ.

ޝައިހް ތަހްނޫން ކައިވެނި ބައްލަވައިގަތީ ޔޫއޭއީގެ ބާނީ ޝައިހް ޒައިދުގެ ކޮއްކޯފުޅަކާއެވެ. އަދި އަވަހާރަވިއިރު ފިރިހެން 10 ބޭފުޅަކު ދުނިޔޭގެ އެބަތިއްބެވިއެވެ. ޝައިހް ތަހްނޫން އަވަހާރަވުމާއި ކުރިއަށް އޮތް 7 ދުވަހަކީ ޤައުމީ ހިތާމައިގެ 7 ދުވަހުގެ ގޮތުގައި ޔޫއޭއީ ސަރުކާރުން ވަނީ ނިންމާފައެވެ.