ޚަބަރު

މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ބަޔަކު ހައްޔަރުކޮށްފި


ތަކުރާރުކޮށް ކުށުގެ ޢަމަލު ހިންގާކަމުގެ މަޢުލޫމާތާއެކު ކޯޓު އަމުރެއްގެ ދަށުން 2 ގެއެއް ބަލައި ފާސްކޮށް ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއި ބަނގުރަލާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ވިދާޅުވީ، ޚާއްޞަ އޮޕަރޭޝަނެއްގައި ކޯޓު އަމުރުގެ ދަށުން ހ. ފިނިމާގެ އާގެ އާއި ގ. މެޑޯގެ އާގެ ބަލައި ފާސްކޮށް 12 މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑިޕާރޓްމަންޓްތަކެއް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި 2 ގެ ބަލައި ފާސްކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ގިނަ ޢަދަދެއްގެ މަސްތުވާ ތަކެއްޗާއި 9 ފުޅި ބަގުރަލާއި މަސްތުވާ ތަކެތި ބަންދު ކުރަން ބޭނުންކުރާ ތަކެއްޗާއި ވަޅިއެއްކަމަށް ފުލުހުން ވިދާޅުވެއެވެ. 

މީގެ އިތުރުން މާރާމާރީ ހިންގަން ބޭނުންކުރާ ބައެއް ތަކެއްޗާއި އިސްލާމްދީން ނޫން އެހެން ބައެއް ދީންތަކުގެ ލިޔެކިޔުންތައްވެސް މިއޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މިއޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 40 އަހަރުގެ ފިރިހެނަކާއި، 30 އަހަރުގެ ފިރިހެނަކާއި، 23 އަހަރުގެ 3 ފިރިހެނުންނާއި، 22 އަހަރުގެ 3 ފިރިހެނުންނާއި، 21 އަހަރުގެ ފިރިހެނަކާއި، 20 އަހަރުގެ 2 ފިރިހެނުންގެ އިތުރުން 18 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖެއްކަމަށާއި މި ހުރިހާ މީހުންނަކީވެސް ދިވެހިންކަމަށް ފުލުހުން ވިދާޅުވެއެވެ. 

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ އެކި ޑިޕާޓްމަންޓްތަކުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.