ޚަބަރު

އެމްޓީސީސީއަށް ފުރަތަމަ ކުއާޓަަރުގައި 664 މިލިއަން ރުފިޔާގެ އާމްދަނީއެއް


  • ސާފު ފައިދާގެ ގޮތުގައި ވަނީ 5.24 މިލިއަން ރުފިޔާ ލިބިފައި

  • އެކި މަރުހަލާތަކުގައި ޖުމްލަ 196 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރިއަށް

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި664 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވާ އާމްދަނީއަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާބަލާއިރު ދަށް އަދަދެކެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 789.22 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 664.44 މިލިއަން ރުފިޔާއެވެ. އަދި ފައިދާގެ ގޮތުގައި ލިބިފައިވަނީ 5.24 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ 41.77 މިލިއަން ރުފިޔާކަމަށް އެމްޓީސީސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މި މުއްދަތުގެ ތެރޭގައި ޓެކްސްއަށް ކެނޑުމަށްފަހު އެމްޓީސީސީއަށް ލިބިފައިވާ ސާފު ފައިދާއަކީ 6.17 މިލިއަން ރުފިޔާއެވެ. މިއީ މި މުއްދަތުގައި ލިބޭނެކަމަށް އެ ކުންފުނިން އަންދާޒާކޮށްފައިވާ އަދަދަށްވުރެ ދަށް އަދަދެކެވެ.

ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ ދަށްވެފައިވާ ސަބަބެއްކަމަށް އެމްޓީސީސީން ބުނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުންކަމަށެވެ. ހާއްސަކޮށް ތެލުގެ އަގު އުފުލުމާއި، ބޭރުފައިސާ ހޯދުމަށް ކުންފުނިން ކުރަންޖެހުނު ޚަރަދު އިތުރުވުމާއި ގުޅިގެން ކުންފުނީގެ ސަޕްލައިޗޭނަށް ދިމާވި ނޭދެވޭ އަސަރުގެ ސަބަބުން އާމްދަނީ މަދުވެފައިވާކަން ކުންފުނިން ފާހަގަކުރެއެވެ. ނަމަވެސް މިކަމަށް ކުންފުނީގެ މެނޭޖްމަންޓުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިކަން ވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީން އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގާފައެވެ. އެގޮތުން އެކި މަރުހަލާތަކުގައި ޖުމްލަ 196 މަޝްރޫއެއްގެ މަސައްކަތް ކުންފުނިން ކުރަމުންދެއެވެ. ނިމުނު ކުއާޓަރުގައި 3 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައިވާއިރު، 8 މަޝްރޫއެއްގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި އައު 6 މަޝްރޫއެއްގެ މަސައްކަތް މި ކުއާޓަރަގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.