ހައްޖު ކޯޕަރޭޝަންގެ ހަވާލުކުގައި ކުރާ ޙައްޖު ދަތުރުތަކުގެ އަގުހެޔޮކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ޙައްޖު ދަތުރުތަކުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ފެށްޓެވިކަން ހާމަކުރައްވައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ޙައްޖުކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ޙައްޖު ފަންޑުގެ ނަމުގައި ޚާއްސަ ފަންޑެއް ގާއިމްކޮށް ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަށާއި ޙައްޖު ފަންޑުން އެކިއެކި އިންވެސްޓްމަންޓްތައްކޮށް އެ ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ޙައްޖު ކޯޕަރޭޝަން ހެދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ޝަކީލް ވިދާޅުވީ ޙައްޖަށް ދިއުމަށް ދިވެހި ރައްޔިތުން ކުރާ ހޭދަ ކުޑަކުރުމަށް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު ހައްޖު ދަތުރުތަކުގެ އަގުހެޔޮ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ހައްޖު ކޯޕަރޭޝަނަށް ގެންނަ ބަދަލުތަކާއެކު ރާއްޖެއިން ހައްޖާއި އުމްރާއަަށް ގެންދިޔުމުގެ އަގުކުޑަ ކުރައްވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ކުރިން ވިދާޅުވެފައިވެއެވެ. އަދި ޙައްޖުގެ އަގު ކުޑަކުރުމަށް އިސްލާމިކް މިނިސްޓްރީއިންވެސް ސަރުކާރާއި ހަވާލުވުމާއި އެކުވަނީ އެކަމުގެ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
މިހާރު ޙައްޖު ކޯޕަރޭޝަނުން ޙައްޖު ދަތުރުކޮށްދެނީ 69,965 ރުފިޔާއަށެވެ. ޙައްޖަށް ދިޔުމަށް މިވަގުތު ޙައްޖު ކޯޕަރޭޝަނުގެ ކިޔުގައި 7000 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ރާއްޖެއަށް ލިބޭ ރަސްމީ 1000 ކޯޓާގައި ޙައްޖަށް މީހުން ގެންދިޔުމަށް ސަރުކާރުން ވަނީ ޙައްޖުކޯޕަރޭޝަނަށް ހަވާލުކޮށްފައެވެ. ސަރުކާރުން މިގޮތަށް ނިންމަވާފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ކިއު ކުޑަކުރުމަށާއި ޙައްޖަށް މީހުން ގެންދިޔުމުގައި އިތުރަށް ފައިސާ ނަގާ މައްސަލަ ހައްލުކުރުމުގެ އިތުރަށް ހައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ރަސްމީ ކޯޓާގެ އިތުރަށް ކޯޓާ ލިބެއްޖެނަމަ ޙައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތު އަމިއްލަ ޖަމާއަތްތަކަށް ލިބޭނެކަމަށެވެ. އެގޮތުން އަމިއްލަ ކުންފުނިތަކުންވެސް ޙައްޖަށް މީހުން ގެންދެވޭނީ، ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ތިބި މީހުންގެ ތަރުތީބުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.