ޚަބަރު

ޙައްޖާއި ޢުމުރާއަށް ފައިސާ ދެއްކުމަށް ލުއި ގޮތެއް


މިއަހަރު ނިމުމުގެ ކުރިން އަތޮޅުތަކުގައި ތިއްބަވާ ފަރާތްތަކަށް އޮންލައިންކޮށް ޙައްޖާއި އުމުރާއަށް ފައިސާދެއްކޭނެ ނިޒާމެއް ޤާއިމް ކުރައްވާނެކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. 

ހައްޖު ކޯޕަރޭޝަނުން، އެމް.ޑަބްލިއު.އެސް.ސީއާއެކު "މުވައްޒަފުންގެ ސްކީމް"ގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ އެ ކޯޕަރޭޝަންގެ ޓާގެޓަކީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން މި ސްކީމްގައި ގިނަ އަދައަދަކަށް މީހުން ބައިވެރިވުންކަމަށެވެ. އަދި އެކޯޕަރޭޝަނުން ދެއްވަމުންގެންދަވާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ޔާމީން އިދުރީސް ވިދާޅުވިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު ވަނީ އެކޯޕަރޭޝަނުން ތަޢާރަފްކުރައްވާފައިވާ މުވައްޒަފުންގެ ޙައްޖު ސްކީމްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ސަރުކާރުގެ ފެން ކުންފުނި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ބައިވެރިވެ އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ތަޢާރަފްކޮށްފައިވާ މުވައްޒަފުންގެ ސްކީމަކީ ކޮންމެ މަހަކު މަދު ޢަދަދެއްގެ ފައިސާ ދައްކަމުން ގޮސް، ފައިސާ ހަމަކޮށްގެން ޙައްޖަށް ދިއުމުގެ މަގު ތަނަވަސްކޮށްދޭ ސްކީމެކެވެ. މި ސްކީމްގައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ކުންފުނިތައް އަންނަނީ ބައިވެރިވަމުންނެވެ.

ފުލުހުން މި ސްކީމްގައި ބައިވެރިކުރެއްވުމުގެ އެއްބަސްވުމުގެ ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފް ވިދާޅުވީ، މި ސްކީމްގައި ދިވެހި ފުލުހުން ބައިވެރިކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކުގެ ބޭފުޅުންނަށް ޙައްޖަށާއި ޢުމްރާއަށް ދިއުމުގެ މަގު ފަހިކޮށްދެއްވުން ކަމަށެވެ. އަދި ދިވެހި ފުލުހުން ދީނީ ކަންތައްތަކަށް ދެއްވާ ސަމާލުކަން އިތުރުކުރައްވައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ބާރު އެޅުއްވުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. ގާތްގަނޑަކަށް ތިންހާހާ ގާތްކުރާ އަދަދަކަށް ފުލުހުން މާލެއާއި އަތޮޅުތަކުގައި މަސައްކަތްކުރައްވަމުން ގެންދަވައެވެ. މުވައްޒަފުންގެ ސްކީމްގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފްއެވެ. އަދި މޯލްޑިސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމީން އިދުރީސްއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، މި ސްކީމްގެ ސަބަބުން މުވައްޒަފުންނަށް ޙައްޖާއި އުމުރާގެ އަޅުކަމަށް ފައިސާދެއްކުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. 

ހައްޖުކޯޕަރޭޝަންގެ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަ ޔާމީން އިދުރީސް ވިދާޅުވީ، މިއަހަރު ނިމުމުގެ ކުރިން އަތޮޅުތަކުގައި ތިއްބަވާ ފަރާތްތަކަށް އޮންލައިންކޮށް ޙައްޖާއި ޢުމުރާއަށް ފައިސާދެއްކޭނެ ނިޒާމެއް ޤާއިމް ކުރައްވާނެކަމަށް. އެ ކޯޕަރޭޝަންގެ އަމާޒަކީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން މި ސްކީމްގައި ގިނައަދައަދަކަށް މީހުން ބައިވެރިވުންކަމަށް. އަދި ޙައްޖުކޯޕަރޭޝަނުން ދެއްވަމުންގެންދަވާ ހިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްޤީކުރެއްވުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވެސް ޔާމީން އިދުރީސް ވިދާޅުވި.

މުވައްޒަފުންގެ ސްކީމްގައި މިހާތަނަށް ބައިވެރިވެފައިވަނީ، އެޗްޑީސީ، އެސްޓިއޯ، ހޯމް މިނިސްޓްރީ އަދި އެމްއޭސީލުންނެވެ.