ޚަބަރު

ޔަހޫދީންގެ ހުށަހެޅުންތައް ގަބޫލު ކުރަން ބްލިންކަން ޙަމާސަށް ގޮވައިލައްވައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމާ ގުޅޭ ގޮތުން ޔަހުދީން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އެއްބަސްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލައްވާފައި ވަނީ ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އިޤުތިޞާދީ ފޯރަމްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އޭނާ މި ކަމަށް ގޮވައިލައްވާފައި މި ވަނީ, އެ ހުށަހެޅުންތައް ދިރާސާ ކުރުމަށް ފަހު, އެ ކަމާ ގުޅޭ ގޮތުން ނިންމާފައިވާ ގޮތަކާ މެދު މަޝްވަރާ ކުރުމަށް ޙަމާސްގެ އިސް އޮފިޝަލުން މިޞްރުގެ ވެރިރަށް ޤާހިރާއަށް ވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީންގެ އެންމެ ފަހުގެ ހުށަހެޅުންތަކާ މެދު ޙަމާސުން ދެކޭ ގޮތް އަދި ސާފެއް ނޫނެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ މިޞްރާއި ޤަޠަރު ގުޅިގެންނެވެ.

"ޙަމާސްގެ ކުރިމަތީގައި މި ވަގުތު އެ އޮތީ [ޒަޔަނިސްޓު އިސްރާއީލުގެ ނަޒަރުން ބަލާއިރު] ވަރަށް އާދަޔާ ޚިލާފު, އަދި ދީލަތި ހުށަޙެޅުމެއް. އަޅުގަނޑު އުންމީދު ކުރަނީ ޙަމާސުން ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށް. ޣައްޒާގެ ރައްޔިތުންނާއި ސުލްޙައާ ދެމެދު މިހާރު އޮތް ހަމައެކަނި ހުރަހަކީ ޙަމާސް. އެ މީހުން ވަރަށް އަވަހަށް ގޮތެއް ނިންމަން ޖެހޭނެ،" ބްލިންކަން ވިދާޅުވިއެވެ.

ޔަހޫދީންގެ އެންމެ ފަހުގެ ހުށަހެޅުމުގެ ފުރަތަމަ ފިޔަވައްސެއްގެ ގޮތުގައި އެދިފައި ވަނީ ޙަމާސް ޖަމާޢަތުގެ އަތްދަށުގައި މި ވަގުތު ތިބީ 130އެއްހާ ޔަހޫދީ އަސީރުންގެ ތެރެއިން 40 ވަރަކަށް މީހުން މިނިވަން ކުރުމަށެވެ. އަދި, އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށްފައިވާ ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޔަހޫދީން ވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި ޔަހޫދީން ޣައްްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާން މެދުކަނޑައިލަން ވެސް ޔަހޫދީން އެއްބަސްވާނެ ކަމަށް ބުނެފައިވެއެވެ.

އޮކްޓޫބަރު 7ގައި ޔަހޫދީން ފެށި ޢުދުވާނާ އެކު ޣައްޒާގެ ފުރަބަންދު ހަރުކަށި ކުރުމާ ގުޅިގެން އެ ސަހަރުން ކާބޯތަކެއްޗާއި ސާފު ބޯފެނުގެ އިތުރުން ޒަރޫރީ އެހެނިހެން ސާމާނު ވަނީ ހުސްވެފައެވެ. ޣައްޒާއަށް ކާބޯތަކެތި އެތެރެ ކުރަން ޔަހޫދީން މިހާރު ވެސް ދަނީ ހުރަސް އަޅަމުންނެވެ. މި ކަމާ ގުޅިގެން ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައަކަށް ވަނީ ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައެވެ. އަދި, ގިނަ ޢަދަދެއްގެ ކުޑަކުދިން ވަނީ ބަނޑަށް މަރުވެފައެވެ.

ޣައްޒާގެ އަހުލުވެރިންގެ ތެރެއިން 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ އެ ސަހަރުގެ އެންމެ ދެކުނުން އޮތް ރަފަޙުގައެވެ. އަދި, ޔަހޫދީ ފައުޖުން މިހާރު ދަނީ އެއްގަމު މަގުން އެ ރަށަށް އަރައި ޢުދުވާން ފުޅާކޮށް, ގަތުލުއާންމުތައް ހިންގައި, އެ ސަހަރުގައި ތިބި މުސްލިމުންގެ ލޭއޮހޮރުވައިލަން ތައްޔާރުވަމުންނެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ރަފަޙަށް ދިން ރަޙުމު ކުޑަ ވައިގެ ޙަމަލާތަކުގައި 27 މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ބްލިންކަން ވިދާޅުވީ ރަފަޙަށް އެއްގަމު މަގުން އަރައި ޢުދުވާން ފުޅާ ކުރުމަށް އެމެރިކާއިން ނުރުހޭ ކަމުގައެވެ. ނަމަވެސް, ފާހަގަ ކޮށްލަން ޖެހޭ ކަމަކީ, ބައިނަލްއަޤުވާމީ މައިދާނުގައި ޔަހޫދީންނާއި އެ މީހުންގެ މަސްލަޙަތު ހިމާޔަތް ކޮށްދެމުން ދަނީ އެމެރިކާއިން ކަމެވެ. އަދި, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި ޔަހޫދީ ފައުޖުން ބޭނުން ކުރަމުން ދަނީ އެމެރިކާއިން މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންދާ ނުރައްކާތެރި ހަތިޔާރު ކަމެވެ.

ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 34,488އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,643އަށް އުފުލިފައެވެ.