މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް - ރާއްޖޭގައި ބޭއްވުނު އެންމެ ކާމިޔާބު ޝޯވ


ފޯރިގަދަ ހުށައެޅުން ތަކަކާއެކު މޯލްޑިވިއަން އައިޑަލް ސީޒަން އެކެއްގެ ޝޯވތައް ރޭ ނިންމާލާފައިވާއިރު، މި ޝޯވ ވެގެންގޮސްފައިވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު ރިއަލިޓީ ޝޯވއަށެވެ.

މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކަކަށް ގާތްގަނޑަކަށް 17 މިލިއަން ރުފިޔާގެ ފައިސާ ޕީ.އެސް.އެމުން ހަރަދުކޮށްފައިވެއެވެ. އައިޑަލްގެ މި ކާމިޔާބީއާއެކު މިފަދަ ޝޯވއަކުންވެސް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރެވިދާނެކަން ޕީ.އެސް.އެމްގެ ފަރާތުން މިވަނީ ހާމަކޮށްދީފައެވެ.

މޯލްޑިވިއަން އައިޑަލްގެ ކާމިޔާބީއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ، ޕީ.އެސް.އެމުން މި ނެގި އިސްނެގުމާއެކު، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ މީޑިއާއަކަށްވެސް، ކާމިޔާބުކަމާއެކު ވިޔަފާރިކުރެވިދާނެކަން ހާމަކޮށްދީފައިވާކަމަށެވެ. އަދި މިފަދަ މުބާރާތެއްގެ ސަބަބުން، ފައިދާވީ ހަމައެކަނި ޕީ.އެސް.އެމްއަށް އެކަނި ނޫންކަމަށާއި، ސްޕޮންސަރުންގެ ގޮތުގައި އަދި މިނޫންވެސް ގޮތްގޮތުން މި ޝޯވގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ބޮޑެތި ފައިދާތަކެއް ލިބިގެންދިޔަކަން ޚަލީލް ފާހަގަކުރެއްވިއެވެ. 

އިބްރާހީމް ޚަލީލް ވިދާޅުވީ، މޯލްޑިވިއަން އައިޑަލް ސީޒަން އެކެއް ގެނެސްދިނުމަށް ޕީ.އެސް.އެމްގެ ފަރާތުން 17 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، 2016 ވަނަ އަހަރު ދައުލަތުން ޕީ.އެސް.އެމްއަށް ދީފައިވާ ބަޖެޓުން މި ޝޯވއަށް ޚަރަދުކޮށްފައިނުވާކަމަށެވެ.

ޚަލީލް ވިދާޅުވީ، މޯލްޑިވިއަން އައިޑަލް ސީޒަން އެކެއް ޕީ.އެސް.އެމުން ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، މި މުބާރާތުގެ ސީޒަން ދޭއްކަށް ބޭނުންވާ ސްޕޮންސަރުންގެ ބޮޑުބައެއްވެސް މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި އިތުރު ފަރާތްތަކުންވެސް މި ޝޯވއާއި ގުޅެން ބޭނުންވެގެން، އެކަމުގެ ޝަޢުގުވެރިކަން މިހާރުވެސް ފާޅުކުރަމުންދާކަން ޚަލީލް ފާހަގަކުރެއްވިއެވެ.

މޯލްޑިވިއަން އައިޑަލް ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ޕީ.އެސް.އެމްގެ މުވައްޒަފުންގެ ހީވާގިކަމާއި، އެފަރާތްތަކުން މިކަމަށް ދިން އެއްބާރުލުންކަމުގައި ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، މޯލްޑިވިއަން އައިޑަލްގެ އެޕިސޯޑްތަކާއި، ޝޯވތައް ޕީ.އެސް.އެމުން ގެނެސްދެމުންދިޔައީ، ހަމައެކަނި މިކަމަށް ހުސްވެތިބެ ނޫންކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ބޮޑެތި ހަރަކާތްތައްވެސް އާއްމުންނާއި ހަމައަށް ގެނެސްދެމުންކަން ޕީ.އެސް.އެމްގެ ޓޮޕް މެނޭޖްމަންޓުން ފާހަގަކުރެއެވެ.

އެހެންކަމުން، ޤާނޫނުން ޕީ.އެސް.އެމްއަށް މަތިކޮށްފައިވާ ކަންކަން ވަރަށްވެސް ކާމިޔާބުކަމާއެކު ފުރިހަމަކުރެވެމުންދާ އުފާވެރި މަންޒަރުން މިހާރު ފެންނަމުންދާކަމަށް ޚަލީލް ވަނީ ވިދާޅުވެފައެވެ. ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ޝޯވ، މޯލްޑިވިއަން އައިޑަލްގެ ޝޯވތައް މިއަހަރުގެ ކުރީކޮޅުން ފެށިގެން ދައްކަން ފަށާފައިވާއިރު، މި ޝޯވވެގެން ގޮސްފައިވަނީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއަށާއި، މިއުޒިކާއި، މުނިފޫހި ފިލުވުމުގެ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދިން ވަރަށްވެސް ކާމިޔާބު ޝޯވއަކަށެވެ.