ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި މި ހަފުތާގައި ބާއްވާނެއެވެ. މި މަޝްވަރާތަކުގައި ފަލަސްޠީން ތަމްސީލު ކުރައްވާނީ ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ މަޙްމޫދު ޢައްބާހެވެ. ނަމަވެސް, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން މަޝްވަރާތަކުގައި ބައިވެރިވާނެ ކަން އަދި ސާފެއް ނޫނެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ސުލްޙައިގެ މަޝްވަރާތައް ބާއްވާނީ ރިޔާޟުގައި ކުރިއަށްދާ ދުނިޔޭގެ އިޤުތިޞާދީ ފޯރަމް (ޑަބްލިޔުއީއެފަ)ށް ފަހުގައެވެ. "މި ކަމުގައި ޝާމިލުވާ ހުރިހާ އިސްވެރިން މި ވަގުތު ތިބީ ރިޔާޟުގައި. މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރެވޭ،" ޑަބްލިޔުއީއެފްގެ ރައީސް ބޮރްގިޔެ ބްރެންދަ ވިދާޅުވިއެވެ.
ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާ ގުޅިގެން ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާ ކުރާނެއެވެ. މި ބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރާއި, ޤަޠަރުގެ ބޮޑުވަޒީރާއި, ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރުގެ އިތުރުން އޮމާންގެ ވަލީއަޙުދާއި ބަހުރައިންގެ އޮފިޝަލުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ޣައްޒާގެ މުޖާހިދުންގެ ޖަމާޢަތް, ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރާއި ޤަޠަރުން ގުޅިގެންނެވެ. ބްރެންދަ ވިދާޅުވީ, ރިޔާޟުގައި ބާއްވާ މަޝްވަރާތަކުގައި މިޞްރުގެ ޚާރިޖީ ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި, ޤާހިރާގައި މިހާރު ކުރަމުންދާ މަޝްވަރާތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާ ކުރައްވާނެ ކަމުގައެވެ.
"ޤާހިރާގައި ކުރަމުންދާ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދައިފައިވާ ކަމާއި, [ޙަމާސުން ރަހީނު ކޮށްފައިވާ] ޔަހޫދީ އަސީރުން މިނިވަން ކުރުމުގެ އިތުރުން ޢުދުވާންތައް ހުއްޓައިލުމާ ގުޅޭ ގޮތުން ކުރިއެރުންތަކެއް ހޯދިފައިވާ ކަން ފާހަގަކުރަން،" ބްރެންދަ ވިދާޅުވިއެވެ.
ޤާހިރާގައި ކުރިއަށްދާ މަޝްވަރާތަކުގައި ޔަހޫދީން ވަނީ އައު ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އަދި, ޙަމާސް ޖަމާޢަތުން ވަނީ, އެ ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި, އެއްބަސްވުމުގެ ދެލިކޮޕީ މިހާރު ދިރާސާ ކުރަމުންދާ ކަމުގައި ބުނެފައެވެ. ޔަހޫދީންގެ އައު ހުށަހެޅުންތަކަށް ޖަވާބެއް ދޭނީ, ދިރާސާ ކުރުމަށް ފަހުގައި ކަމަށް ވެސް ޙަމާސުން ބުނެއެވެ.
"ޒަޔަނިސްޓުން ހުށަހަޅާފައިވާ އައު ހުށަހެޅުންތައް މިޞްރާއި ޤަޠަރުގެ އޮފިޝަލުން ވަނީ އޭޕްރިލް 13ވަނަ ދުވަހު ޙަމާސަށް ހުށަހަޅާފައި،" އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޚަލީލް އަލް-ޙައްޔާ ވިދާޅުވިއެވެ. މި ވަގުތު މަޑުޖެހިފައިވާ މަޝްވަރާތައް އަލުން ފެށުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މިޞްރުގެ ވަފުދެއް އޭޕްރިލް 26ވަނަ ދުވަހު ވަނީ ޒަޔަނިސްޓު އިސްރާއީލަށް ދަތުރު ކޮށްފައެވެ.
މަޝްވަރާތަކުގެ މަޢުލޫމާތު އިނގޭ މިޞްރުގެ އޮފިޝަލަކު ވިދާޅުވީ, ޔަހުދީންގެ އެންމެ ފަހުގެ ހުށަހެޅުމުގައި އައު ކަންތައްތަކެއް އެކުލެވިގެން ނުވާ ކަމުގައެވެ. ނަމަވެސް, ކުރީގައި މަޝްވަރާ ކުރަމުން ދިޔަ ގޮތަށް 40 އަސީރުން މިނިވަން ކުރުމުގެ ބަދަލުގައި, 33 އަސީރުން މިނިވަން ކޮށްދިނުމަށް ޔަހޫދީން އެދިފައިވާ ކަމުގައި އެ އޮފިޝަލް ވިދާޅުވިއެވެ.
ޙަމާސުން ބުނަމުން ދަނީ ބައިނަލްއަޤުވާމީ ފިއްތުންތަކަށް ބޯނުލަނބާނެ ކަމަށާއި, ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލައި ޣައްޒާއިން ފައިބަން ޔަހޫދީ ސިފައިން ދެކޮޅު ހަދާ ނަމަ, ޙަމަލާ ބަދަލު ކުރުން ހުއްޓައިލައި, އަސީރުން މިނިވަން ކުރަން އެއްބަސްނުވާނެ ކަމުގައެވެ. ނަމަވެސް, މި ކަމާ ގުޅޭ ގޮތުން އިތުރަށް މަޝްވަރާކޮށް, ހައްލެއް ހޯދަން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގައި ވެސް އެ ޖަމާޢަތުން ބުނެއެވެ.
އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 34,388އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,437އަށް އުފުލިފައެވެ.