ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖެއަކީ ކެރަމްގައި އެންމެ ބޮޑު ކުރިއެރުން ހޯދި ގައުމު ކަމަށް އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ ވީޑި ނަރަޔަން ވިދާޅުވެއްޖެއެވެ.
މާލޭގައި އިއްޔެ ފެށި ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަރަޔަން ވަނީ މި މުބާރާތަށް ރާއްޖެއިން ވަރަށް ފުރަހިމައަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އެކަމަށްޓަކައި ރާއްޖޭގެ ކެރަމް ފެޑެރޭޝަނަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ކެރަމް ކުރިއަރުވަން ސަރުކާރުން ވެދެއްވާ އެހީތެރިކަމަށްވެސް ޝުކުރުއަދާކުރެއްވިއެވެ.
ފުރިހަމަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލަކީ ކާމިޔާބު ކުޅިވަރު ޝަޚުސިއްޔަތެއް ކަން ފާހަގަކުރައްވަމުން ނަރަޔަން ވިދާޅުވީ ކެރަމްގައި ހުރި ދަތިތަކާއި ގޮންޖެހުންތައް އެ މަނިކުފާނަށް އެނގިލައްވާނެ ކަމަށެއެވެ.
އަދި ދުނިޔޭގެ ކެރަމް އަންނަނީ ބާރަށް ކުރިއަރަމުން ކަމަށާއި، ދުނިޔޭގެ ނިސްބަތުން އެންމެ މޮޅު ކުޅުނެތެރިން ނިސްބަތް ވަނީ އޭޝިއާ ބައްރަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން މޮޅެތި ކުޅުންތެރިން މިހާރު އުފެދުމެން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
"އިންޑިއާއަކީ މި ވަގުތު ދުނިޔޭގެ ޗެމްޕިއަން. ސްރީ ލަންކާ އަކީ ދުނިޔޭގެ ޗެމްޕިއަނެއް. ރާއްޖެ އާއި ބަންގްލަދޭޝް، ކޮރެއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި ކެރަމް އަންނީ ވަރަށް ބޮޑަށް ކުރިއަރަމުން.ވީޑި ނަރަޔަން - އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ
ކެރަމްގައި ދުނިޔޭގެ އެކި ހިސާބުތަކުގައި 22 އެސޯސިއޭޝަނެއް ވަނީ އުފެދިފައެވެ. އަދި އެންމެ ފަހުން 2022 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި ކެރަމް ވޯލްޑް ކަޕްގައި 18 ގައުމެއް ވަނީ ވާދަކޮށްފައެވެ. މި އަހަރު އޮންނަ ކެރަމް ވޯލްޑް ކަޕް އެމެރިކާގައި އޮންނާނީ ނޮވެންބަރު މަހުގެ ތެރޭގައެވެ.