ކުޅިވަރު

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް މާލޭގައި ފަށައިފި


ރާއްޖޭގައި މި އަހަރު ބާއްވާ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތް ކަމަށްވާ ހަވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް 2024 ގެ ކުޅުން ފަށައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުރިއަށްދާ މި މުބާރާތުގެ ކުޅުން މިއަދު ހެނދުނު ފެށިއިރު، މިރޭ ވަނީ މި މުބާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ.

މި މުބާރާތުގައި އޭޝިއާގެ ފާހަގަކޮށްލެވޭ އެތުލީޓުން ވާދަކުރެއެވެ. އެގޮތުން މުބާރާތުގައި 100 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރާއިރު، ރާއްޖޭގެ އިތުރުން އިންޑިއާ، ބަންގްލަދޭޝް، ސްރީ ލަންކާ، ދެކުނު ކޮރެއާ، ސިންގަޕޫރު އަދި މެލޭޝިއާގެ ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ.

އަންނަ މެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖޭގެ ކުޅުންތެރިން ވަނީ ސްވިސް ލީގުގައި ކުޅުނު ގިނަ މެޗުތައް ކާމިޔާބުކޮށްފައެވެ. މި މުބާރަތް ދެ ޑިވިޝަނަކަށް ކުރިއަށްދާއިރު، މުބާރާތުގައި ފަސް ކެޓެގަރީއެއް ވަނީ ހިމަނާފައެވެ.

މި މުބާރާތަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލު ތައްޔާރުކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑަށެވެ. އެގޮތުން މުޅި މުބާރާތަށް އެ ހޯލުގައި 24 ބޯޑެއް ވަނީ ބަހައްޓާފައެވެ. އިންޓަރނޭޝަނަލް ކެރަމް ފެޑެރޭޝަން އާއި މޯލްޑިވްސް ކެރަމް އެސޯސިއޭޝަން ގުޅިގެން ބާއްވާ މި މުބާރާތް މި ފަހަރު މި ބާއްވަނީ 10 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

މީގެ ކުރިންވެސް ރާއްޖޭގައި ކެރަމްގެ ބައިނަލްއަގުމީ މުބާރާތްތައް ބާއްވާފައިވާއިރު، 2014 ވަނަ އަހަރު ވަނީ ސަން އައިލެންޑް ރިސޯޓުގައި ކެރަމް ވޯލްޑް ކަޕް ބާއްވާފައެވެ.