ޚަބަރު

ޔަހޫދީންގެ ބޯޓުގައި ތިބި ފަޅުވެރިން ދޫކޮށްލަން އީރާނުން ނިންމައިފި


އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން އޭޕްރިލް 13ވަނަ ދުވަހު ހިފެހެއްޓި ޔަހޫދީންގެ އާގުބޯޓުގައި ތިބި ފަޅުވެރިން މިނިވަން ކުރަން ނިންމާފައިވާ ކަން އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ ހާމަކުރައްވައިފިއެވެ. އޭނާއާ ހަވާލާދީ އީރާނުގެ ދަޢުލަތުގެ މީޑިޔާއިން ބުނީ, ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޔަހޫދީންގެ ބޯޓުގައި ތިބި ފަޅުވެރިން މިނިވަން ކުރާނެ ކަމުގައެވެ.

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ފުޖަޔިރާގެ އިރުއުތުރުން ހުރްމުޛް ކަނޑުން ދަތުރު ކުރަމުން ދަނިކޮށް އައިއާރްޖީސީގެ ސިފައިން ހިފަހައްޓާފައި ވަނީ އެމްސީއެސް އޭރީޒްގެ ނަން ދީފައިވާ އާގުބޯޓެކެވެ. އެއީ, ޔަހޫދީ ވިޔަފާރިވެރިއެއް ކަމުގައިވާ އެއްޔާލް އޮފެންގެ ކުންފުނި, ޒޮޑިޔެކް މެރިޓައިމްގެ އުޅަނދެކެވެ.

އެމްސީއެސް އޭރީޒާ އެކު އޭގައި ތިބި 25 ފަޅުވެރިން ހިފަހައްޓާފައި ވަނީ ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާދީ އައިއާރްޖީސީގެ ހަތް މެންބަރުން ޝަހީދުކޮށްލި ޙަމަލާގެ ރައްދުގައި ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު އީރާނުން ދިނުމަށް ފަހުއެވެ.

އައިއާރްޖީސީން ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓު ހިފަހައްޓާފައި ވަނީ އޮކްޓޫބަރު 7ގައި ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާން ހުއްޓުވަން ބާރު އެޅުމުގެ ގޮތުން ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙިޒްބުاللهން ރަތް ކަނޑު ހުރަސްކޮށް ދަތުރު ކުރާ އާގުބޯޓުފަހަރަށް ޙަމަލާ ދެމުންދާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ދަޢުލަތުގެ މީޑިޔާއިން ޢަބްދުއްލުހައްޔާނީއާ ހަވާލާދީ ބުނީ, އެމްސީއެސް އޭރީޒްގައި ތިބި ފަޅުވެރިން, އިންސާނިއްޔަތަށް ޓަކައި މިނިވަން ކުރުމަކީ އީރާނަށް ވަރަށް މުހިންމު ކަމެއް ކަމުގައެވެ. އެ އުޅަނދުގައި ތިބި ފަޅުވެރިންނަކީ ޕޯޗުގަލްގެ ބަޔެކެވެ. ޢަބްދުއްލުހައްޔާނީ ވަނީ ޕޯޗުގަލްގެ ޚާރިޖީ ވަޒީރު ޕައުލޯ ހަންޖެލާ ފޯނުން ގުޅުއްވައި, މި ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އީރާނުން ބުނީ, އެމްސީއެސް އޭރީޒްގައި ތިބި ފަޅުވެރިން, އީރާނުގައި ހުންނަ ޕޯޗުގަލްގެ އެމްބަސީއާ ހަވާލު ކުރާނެ ކަމުގައެވެ. ނަމަވެސް, އެ މީހުުން މިނިވަން ކުރާނެ ވަކި ތާރީޚެއް އީރާނުން ހާމަ ކޮށްފައެއް ނުވެއެވެ.

އީރާނުން ބުނީ އެމްސީއެސް އޭރީޒް ހިފަހައްޓާފައި ވަނީ, ކަނޑު ދަތުރުފަތުރާ ގުޅޭ ޤާނޫނުތަކާ ޚިލާފުވުމުގެ ތުހުމަތުގައި ކަމުގައެވެ. އަދި, އެއީ ޔަހޫދީންނާ ގުޅުން އޮތް އުޅަނދެއް ކަން ސާފު ކަމުގައި ވެސް އީރާނުން ބުންޏެވެ.