ކުޅިވަރު

އަލިބޭ ޓްރެއިނިން ކޭމްޕުގައި ބައިވެރިވާ ކުޅުންތެރިން އިއުލާންކޮށްފި


ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކުރާ އަލިބޭ ޓްރެއިނިން ކޭމްޕް 2024 ގައި ބައިވެރިވާ ކުޅުންތެރިން އިއުލާންކޮށްފިއެވެ.

މި އަހަރުގެ ކޭމްޕް ކުރިއަށްދާނީ އަންނަ މެއި މަހުގެ 2-9 އަށް ތުރުކީގެ އަންތަލްޔާގައެވެ. ކުޅުންތެރިން ތައާރަފު ކުރުމަށާއި، ކޭމްޕާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ވަނީ ނެޝަނަލް ޓެނިސް ސެންޓަރުގައި ޚާއްސަ ހަފުލާއެއް ބާއްވާފައެވެ. އެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ޓެނިސް އެސޯސިއޭޝަންގެ އޮނަރަރީ ރައީސް އަޙްމަދު ނަޒީރުވެ. މީގެ އިތުރުން އެ ހަފުލާގައި ކޭމްޕުގެ ސްޕޮންސަރ ކަމުގައިވާ އަލިބޭ މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޓްރެއިނިން ކޭމްޕްގެ މަގުސަދަކީ ރާއްޖޭގައި ތިބި ޒުވާން ޓެނިސް ކުޅުންތެރިންގެ ހުނަރު އިތުރުކުރުމުގެ ފުރުސަތު ހޯދައިދީ، ތަޖުރިބާ އިތުރު ކުރުން ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ. އަދި މި ކޭމްޕުގައި ތަޖުރިބާކާރު ކޯޗުންނާއި ޓްރެއިނަރުންގެ ޓީމަކުން ކޮންމެ ކުޅުންތެރިއަކަށްވެސް ވަކިން ސަމާލުކަން ދިނުމާއި، ކުޅުން ރަނގަޅު ކުރުމަށް އެހީތެރިވެދޭނެއެވެ.

"
ތުރުކީގެ އަންތަލިޔާގައި އޮންނަ ރާއްޖޭގެ ޖޫނިއަރ ޓެނިސް ޓީމަށް މި ޓްރެއިނިން ކޭމްޕް ސްޕޮންސަރ ކުރުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް.
އަލިބޭ މޯލްޑިވްސްގެ އޮފިޝަލް

އަލިބޭ މޯލްޑިވްސް ޓްރެއިނިން ކޭމްޕަކީ ޓެނިސް އެސޯސިއޭޝަނާއި އަލިބޭ މޯލްޑިވްސްއާ ދެމެދު 2017 ވަނަ އަހަރު ސޮއިކުރެވުނު އެމްއޯޔޫއެއްގެ ދަށުން ކުރިއަށްދާ ހަރަކާތެކެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޓެނިސް ތަރައްގީކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްކުރަން ވަނީ ފެށިފައެވެ. އެގޮތުން ޖޫނިއަރ ޓެނިސް ކުޅުންތެރިންގެ ފެންވަރު މަތިކުރުމުގެ ގޮތުން އަލިބޭ މޯލްޑިވްސްގެ ފަރާތުން ކޮންމެ އަހަރަކު 12 ކުޅުންތެރިންނަށް ތުރުކީގައި ޓްރެއިނިން ކޭމްޕެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ހަތް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ޓްރެއިނިން ކޭމްޕުގެ ހުރިހާ ޚަރަދެއް ކުރަނީ އަލިބޭ މޯލްޑިވްސްގެ ފަރާތުންނެވެ. މިއީ އަލިބޭ ޓްރެއިނިން ކޭމްޕް ބާއްވާ ހަވަނަ އަހަރެވެ.