ޚަބަރު

އިސްލާމިކް މިނިސްޓަރ، ދީނީ ޢިލްމުވެރިންނާ ބައްދަލުކުރައްވައިފި


ރޯދަމަހުގެ ޙަރަކާތްތައް ކުރިއަށް ގެންދަވާނެ ގޮތާމެދު ޢިލްމުވެރިންގެ މަޝްވަރާ ހޯދެއްވުމަށް ރާއްޖޭގެ ދީނީ ޢިލްމުވެރިންނާ އިސްލާމިކް މިނިސްޓަރ މިއަދު ބައްދަލުކުރައްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި މި ބައްދަލުވުމުގައި ގާތްގަނޑަކަށް ތިރީސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަންނަ ރަމަޟާމަހު ދީނީ ކަންކަމަށް ރައްޔިތުން އަހުލުވެރިކުރުވައި ދީނީ ކަންތައްތައް ކުރިއަށްގެންދަންވީ ގޮތާމެދު މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ރަމަޟާންމަހުގެ ދުވަސްތަކާއި ރޭތައް އިޙްޔާކޮށް ދިރުމަށް އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ދީނީ ޢިލްމުވެރިން މެދުވެރިކުރައްވައި ޚާއްޞަ ޙަރަކާތްތަކެއް ހިންގަވަމުންނެވެ. މީގެތެރޭގައި، މާލޭގެ ބައެއް މިސްކިތްތަކުގައި ކޮންމެ ދުވަހަކު އޮންނަ ދީނީ ނަޞޭހަތްދެއްވުގެ ޕްރޮގްރާމާއި، ކޮންމެ ހޯމަ، ބުރާސްފަތި މިދެ ދުވަހުގެ ރޭ އޮންނަ ދީނީ ނަޞޭޙަތްދެއްވުމުގެ ޚާއްޞަ ޕްރޮގްރާމް ހިމެނެއެވެ.