ޚަބަރު

ކުޑަހުވަދޫގެ ތިން މަޝްރޫޢުއެއްގެ ނިންމުން ފާހަގަކުރައްވައިފި


ފ. ކުޑަހުވަދޫގެ ބިން ހިއްކުމާއި މަގުހެދުމުގެ މަޝްރޫޢުގެ ނިމުން މިއަދު ފާހަގަކުރައްވައިފިއެވެ. މި ދެ މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޑަހުވަދުއަށް ވަޑައިގެންނެވެ.

އާބާދީގައި ތިން ހާހެއްހާ ރައްޔިތުން ދިރިއުޅޭ ކުޑަހުވަދުއަކީ ޢުމްރާނީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. ކުޑަހުވަދޫގައި ނިންމުން ފާހަގަކުރެއްވި، އެއް މަޝްރޫޢަކީ އެރަށުގައި ހިންގެވި ބިންހިއްކެވުމުގެ ބޮޑު މަޝްރޫޢުއެވެ. މި މަޝްރޫޢު ހިންގެވީ މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގަމުން އަންނަ ބައިނަލްއަޤުވާމީ ކުންފުންޏެއްކަމަށްވާ ބޮސްކާލިސް ކުންފުންޏާ ޙަވާލުކޮށްގެނެވެ. މި މަޝްރޫޢުގެ ދަށުން ވަނީ ސާޅީސް ހެކްޓަރުގެ ބިން ހިއްކަވާފައެވެ. އަދި ހިއްކެވި ބިމުގައި ކުރައްވަމުން ގެންދަވާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. ކުޑަހުވަދޫގައި ހިއްކެވި ބިން ބޭނުންކުރެއްވުމުގައި އިޤްތިޞާދުކުރެއްވުމަށް ރައީސް ވަނީ އެރަށު ކައުންސިލަށް އިލްތިމާސް ކުރައްވާފައެވެ. ގޯތި ލިބެންޖެހޭ ރައްޔިތުންނަށް ގޯތިދެއްވަންވާނެ ކަމަށާއި އެއާއެކު، އިޤްތިޞާދީ ބޭނުންތަކަށް ބިން ބޭނުންކުރެވޭނެ މަގުފަހިކުރެއްވުމަށް ރައީސް ބާރުއެޅުއްވިއެވެ.

ކުޑަހުވަދޫގައި ހިންގަވައި ނިންމުން ފާހަގަކުރެއްވި އަނެއް މަޝްރޫޢަކީ، އެރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރެއްވުމުގެ މަޝްރޫޢުއެވެ. މިދިޔަ އަހަރުގެ ޖޫންމަހު ފެށްޓެވި އެރަށުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ނިންމަވައި އެކަން އިޙްތިފާލްކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. 

ކުޑަހުވަދުއަކީ ވާރޭވެހުމުން ފެންބޮޑުވެ ހިނގާބިނގާލުމާއި ވެހިކަލް ދުއްވުން ދަތިރަށެކެވެ. ސަރުކާރުން އަށާރަ މަސްދުވަހުގެ ތެރޭގައި ނިންމެވުމަށް އެމްއާރުޑީސީއާ ޙަވާލުކުރައްވައިގެން ހިންގެވި ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް މަގުހެދުމުގެ މަޝްރޫޢު އެކުންފުނިން ވަނީ ދިހަވަރަކަށް މަސްދުވަހުގެ ތެރޭގައި ނިންމާފައެވެ. އެގޮތުން ރަށުގެ 13 މަގެއް ވަނީ ތާރުއަޅުއްވައި ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާފައެވެ. އެއީ ހައެއް ޕޮއިންޓް ދޭއް ކިލޯމީޓަރުގެ މަގެވެ. ރަނގަޅު ފެންވަރަކަށް ހެއްދެވި މަގުތަކުގެ ތެރޭގައި ރަށުގެ ބޮޑެތި މައި މަގުތައް ހިމެނެއެވެ. 

ކުޑަހުވަދޫގައި ތާރުއަޅުއްވައިގެން ހެއްދެވި މަގުތަކަކީ ރަށުގައި ސްކޫލްތަކާއި އެކިއެކި މުއައްސަސާތަކާއި ވިޔަފާރިތައް ހިނގަމުން އަންނަ ސަރަޙައްދެވެ. މިކަމުގެ ސަބަބުން، ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަން އެރަށުގެ ޢާންމުން ފާހަގަކުރެއެވެ.