ޚަބަރު

ސިޔާސީ ވިސްނުމަށް ބަލައިގެން ސްޓެލްކޯގެ މުވައްޒަފުންނަށް ފިޔަވަޅެއް ނާޅާނެ: ފަހުމީ


  • އެކި ސިޔާސީ ފިކުރުގެ މުވައްޒަފުން ސްޓެލްކޯގައި މަސައްކަތްކުރޭ

  • މުވައްޒަފުން ސިޔާސީ ކަންކަމުން ދުރުވެ ކުންފުނީގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ބޭނުންވޭ

އެއްވެސް މުވައްޒަފެއްގެ ސިޔާސީ ފިކުރުގެ ސަބަބުން ފިޔަވަޅު ނާޅުއްވާނެ ކަމަށާއި ބޭނުންފުޅުވަނީ މުވައްޒަފުން ސިޔާސީ ކަންތައްތަކާއި ދުރުވެ، ކުންފުނީގެ އަމާޒުތައް ހާސިލުކުރުމަށް މަސައްކަތްކުރުންކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ އެ ކުންފުނީގައި އެކިއެކި ސިޔާސީ ފިކުރުގެ މުވައްޒަފުން މަސައްކަތްކުރާކަމަށެވެ.

ފަހުމީ ވިދާޅުވީ، އެކުންފުނިން މުވައްޒަފުންގެ ހައްޤުތަކަށް އިޚްތިރާމްކުރާނޭކަމަށާއި އަދި އަމިއްލަ ސިޔާސީ ވިސްނުމަކީ ކޮންމެ މީހެއްގެވެސް ހައްޤެކަމަށް ވާތީ، އެކި ފިކުރުތަކަށް ތާއީދުކުރުމުގެ ފުރުސަތު މުވައްޒަފުންނަށް އޮންނާނެކަމަށެވެ.

"މީގެ އަލިގަދަ ހެއްކެއް ، ނިމިދިޔަ އިންތިޚާބުގަ ޕްރައިމަރީގަ ސްޓެލްގޯގެ މުވައްޒަފުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ވާދަކުރެއްވި، އެހެން ނަމަވެސް އެއިން އެއްވެސް ބޭފުޅަކަށް ސަރކިއުލަރ ނެރެ ނަހަދަން، މިނިވަންކަމާއެކު އޮޕޮސިޝަން ޕާޓިގަ ވެސް ރޫލިން ޕާޓިގަ ވެސް ވާދަކުރި" ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވިއެވެ.

ފަހްމީ ވިދާޅުވީ ސްޓެލްކޯއިން ބޭނުން ވަނީ މުވައްޒަފުން ސިޔާސީ ކަންތައްތަކާއި ދުރުވެ، ތަނުގެ ކުރިއެރުމަށް މަސައްކަތްކުރުމަށްކަމަށެވެ. އަދި ކުންފުންޏަށް މުވައްޒަފުން ވެއްދުމުގައިވެސް ސިޔާސީ ކުލައަކަށް ނުބައްލަވާނެ ކަމަށާއި ސިޔާސީ ނުފޫޒެއް ނޯންނާނެކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، ސްޓެލްކޯއަކީ ޓެކްނިކަލް ކުންފުންޏެއްކަމަށްވާތީ، ތަނުގެ ކުރިއެރުމަށް އަބަދުވެސް ހުނަރުވެރި މުވައްޒަފުން ބޭނުންވާކަމަށެވެ. އަދި އިސްކަމެއް ދެއްވަނީ އެމަސައްކަތްތައް އެންމެ ފުރިހަމައަށް ކުރެވޭނެ ހުނަރުވެރި މުވައްޒަފުން ހޯދުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.