ކުޅިވަރު

އަލަށް ގާއިމުކުރާ ޕޫލްއާއެކު ރާއްޖޭގައި ޕްލެޓްފޯމް ޑައިވިން ތައާރަފުކުރަނީ


ހުޅުމާލެގައި އަލަށް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ސްވިމިން ޕޫލާއެކު ރާއްޖޭގައި ޕްލެޓްފޯމް ޑައިވިން ތައާރަފުކުރުމަކީ އަމާޒެއް ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާޢީލް ޢަލީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން އިސްމާޢީލް ވިދާޅުވީ އަލަށް ގާއިމުކުރާ ޕޫލްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު އޮތް ޕޫލްގައި ޖާގައިގެ ދަތިތަކާ ހުރެ ފަރިތަކުރުންތަކަށްވެސް ވަރަށް ގިނަ ގޮންޖެހުން ކުރިމަތިވާ ކަމަށާއި، އަލަށް ގާއިމުކުރެވޭ ޕޫލް ވެގެންދާނީ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރުގެ ޕޫލަކަށް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވަސީލަތްތަކުގެ ގޮތުންވެސް މުއްސަނދި ތަނަކަށް އެ ޕޫލް ވެގެންދާނެ ކަމަށް އިސްމާޢީލް ވިދާޅުވިއެވެ. އެގޮތުން އަލަށް ގާއިމުކުރާ ޕޫލްއާއެކު ކުޅިބަލަން ވަންނަ ސަޕޯޓަރުންނަށް 1200 އަށްވުރެ ގިނަ ގޮޑިބަރި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

"
އަލަށް އަޅާ ފޫލްއަކީ މިހާރު މި ބޭނުންކުރާ ޕޫލަށްވުރެ ހަތަރު ޕޫލް ވަރުވާ ތަނެއް. މި ސްވިމިން ޕޫލާއެކު އަޅުގަނޑުމެން އެބަ އިމާރާތްކުރަން ޑައިވިން ޕޫލެއް.
އިސްމާޢީލް ޢަލީ - ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް

އިސްމާޢީލް ވިދާޅުވީ ސްވިމިން ޕޫލް ގާއިމުކުރެވިގެންދާއިރު އެންމެ ބޮޑު ބަދަލަކަށް ވެގެންދާނީ ޑައިވިން ޕްލެޓްފޯމަށް ޚާއްސަކޮށްގެން 25 މީޓަރުގެ ހަ ލޭނުގެ ޑައިވިން ޕޫލެއް ގާއިމުކުރެވިގެން ދިޔުން ކަމަށެވެ. އެއާއެކު ފެތުމުގެ ތެރެއިން ރާއްޖޭގައި އަލަށް ޕްލެޓްފޯމް ޑައިވިން ތައާރަފު ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިސްމާޢީލް ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ހެދުނު ހަޔަކުން ފެށިގެން ރޭގަނޑު އެގާރަ ޖެހުމާ ހަމައަށް މެދުކެނޑުމެއް ނެތި ޕޫލުގެ ބޭނުން ކުރާއިރު، 50 އިންސައްތަ މީހުންނަށްވެސް އެ ޕޫލުން ޖާގަ ނުދެވޭ ކަމަށެވެ. އެކަމަކު އަލަށް ގާއިމުކުރެވިގެންދާ ޕޫލުގައި ވޯމްއަޕް އާއި، ތަމްރީންތަކަށް ފުރަތަމަ ފަންގިފިލާ ޚާއްސަ ކުރެވިގެންދާއިރު، އެ ޕޫލް ވެގެންދާނީ އެންމެ ރަނގަޅު ޚިދުމަތްތަކާއި ވަސީލަތްތަކާއެކު ގާއިމުކުރެވޭ ޕޫލަށް ކަމަށްވެސް ވިދާޅުވިއެވެ.

"
ފެތުންތެރިން އައިސް ވޯމްއަޕް ކުރުމާއި، އިތުރު ތަމްރީނުތަކާއި، ސްޓެޗިން ހެދުމަށް ވަކި ފުލޯއެއް ޚާއްސަ ކުރެވިގެންދާނެ. އެއާއެކު މިހާރު މުބާރާތްތައް ކުރިއަށްދާއިރު ޓެންޓް ޖެހުން ފަދަ ޚަރަދުތައް ހުއްޓިގެންދާނެ.
އިސްމާޢީލް ޢަލީ - ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް

ހުޅުމާލޭގައި މިހާރު ބޭނުންކުރަމުންދާ ސްވިމިން ޕޫލަކީ 25 މީޓަރުގެ ފަސް ލޭނުގެ ޕޫލެކެވެ. އެކަމަކު އަލަށް ގާއިމުކުރެވިގެންދާ ޕޫލަކީ 50 މީޓަރާއި 25 މީޓަރު ފުޅާ 10 ލޭނުގެ ޕޫލެކެވެ. އެހެންކަމުން މިއީ މިހާރު ބޭނުންކުރާ ޕޫލަށްވުރެ ހަތަރު ގުނަ ބޮޑު ޕޫލެކެވެ.