ޚަބަރު

އަލް-ނާޟިރު ހަސްފަތާލު ކައިރީގައިވާ ކަށްވަޅުން 300އަށްވުރެ ގިނަ ހަށި ފެނިއްޖެ


ޣައްޒާގެ އަލް-ނާޞިރް ހަސްފަތާލު ކައިރިން ފެނުނު ބޮޑު ކަށްވަޅުގެ ތެރެއިން ފެނިފައިވާ ހަށީގެ ޢަދަދު 310އަށް އުފުލުމާ ގުޅިގެން އިންސާނީ ހައްޤުތަކާ ބެހޭ އދގެ އިދާރާގެ އިސްވެރިޔާ ފޮލްކަރ ތުރްކު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. އަލް-ނާޞިރް ހަސްފަތާލަކީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ މައި ހަސްފަތާލެވެ.

އެ ރަށުގައި ގަތުލުއާންމުތަކެއް ހިންގުމަށް ފަހު ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން އެ ރަށުން ފައިބާފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެ ރަށުގެ ރައްޔިތުން އެނބުރި ދިޔުމުން ފެނިގެން ދިޔައީ އެ ހަސްފަތާލުގެ އިތުރުން ޢާންމުންގެ ގެދޮރާއި ސުންނާފަތި ކޮށްލާފައިވާ މަންޒަރެވެ. އަދި, ޝަހީދުކޮށް މަގުތަކަށް ދޫކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ހަށިތަކެވެ. އެތަކެއް ސަތޭކަ ބަޔަކު ޝަހީދުކޮށް, ވަޅުލާފައިވާ ކަށްވަޅުތަކެއް ފެނިފައި ވަނީ އަލް-ނާޞިރް ހަސްފަތާލު ކައިރިންނެވެ.

އެ ވަޅު ތެރެއަށް އެއްލައިލާފައިވާ ހަށިތައް ނެގުމަށް ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޣައްޒާގެ އިދާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ތަނުން މިހާރު ވެސް 310 މީހެއްގެ ހަށި ފެނިފައިވާއިރު, އޭގެ ތެރޭގައި ގިނައީ ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ޢާންމުންގެ ހަށިތަކެވެ. އަދި, ގިނަ ޢަދަދެއްގެ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންގެ ހަށިތައް ހިމެނެއެވެ. ޣައްޒާ ސިޓީގައި ހުންނަ އަލް-ޝިފާ ހަސްފަަތާލު ކައިރިން ވެސް ގިނަ ޢަދަަދެއްގެ ބަޔަކު ޝަހީދުކޮށް ވަޅުލާފައިވާ ކަށްވަޅެއް ފެނިފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ބުންޏެވެ.

ޣައްޒާގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށް ވަޅުލާފައިވާ ކަށްވަޅުތަކެއް ފެނުމާއި, އަލް-ޝިފާ އަދި އަލް-ނާޞިރް ހަސްފަތާލަށް ޔަހޫދީ ފައުޖުގެ ސިފައިން ދީފައިވާ ގެއްލުންތަކާ ގުޅިގެން ތުރްކު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އޭނާގެ ތަރުޖަމާނު ރަވީނާ ޝާމަދާސާނީ ވިދާޅުވީ ކަށްވަޅުން ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ބަޔެއްގެ ހަށިތައް ފެންނަމުން ދިޔުމާ ގުޅިގެން ތުރްކު އެ މައްސަލަ ކަމާގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ.

"ބައެއް ހަށިތައް ފެނުނީ ދެ އަތް ބަނދެފައި ވަނިކޮށް. މިއީ, އިންސާނިއްޔަތާ ބެހޭ އަދި އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތަކެއް. މި ކަން ފުންކޮށް ދިރާސާކޮށް ތަޙުޤީޤު ކުރާނަން،" ޝާމަދާސާނީ ވިދާޅުވިއެވެ. އަލް-ޝިފާ ހަސްފަތާލު ކައިރިން ފެނިފައިވާ ކަށްވަޅުން 30 މީހެއްގެ ހަށި ފެނިފައިވާ ކަމަށާއި, އެ ކަން ތަޙުޤީޤު ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޣައްޒާގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުނީ, އަލް-ނާޞިރް ހަސްފަތާލު ކައިރީގައިވާ އެއް ކަށްވަޅުން 310 ހަށި ފެނިފައިވާއިރު, އެ ސަރަޙައްދުން އެ ފަދަ އިތުރު ދެ ކަށްވަޅު ފެނިފައިވާ ކަމުގައެވެ. އެ ކަށްވަޅުތައް ކޮންނަން ފަށާފައި ނުވާއިރު, ވަޅުލައި ފޮރުވާފައިވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ. ފަލަސްޠީނުގެ ޞިއްޙީ ވުޒާރާއިން ވެސް ވަނީ މި ޢަދަދުތައް ކަށަވަރު ކޮށްދީފައެވެ.

ޝާމަދާސާނީ ވިދާޅުވީ, ޣައްޒާއަށް ޔަހޫދީ ފައުޖުން މިހާރު ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކާ މެދު ވެސް ތުރްކު ކަންބޮޑުވުން ފާޅު ކުރައްވާފައިވާ ކަމުގައެވެ. އެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ އެންމެންނަކީ އަންހެނުންނާއި ކުޑަކުދިން ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި, ފަލަސްޠީނުގެ 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ތިބި ރަފަޙަށް ޙަމަލާތައް އަމާޒު ކުރުމާއި, އެ ރަށަށް އެއްގަމު މަގުން އެރުމަށް ޔަހޫދީ ފައުޖުން ކުރަމުންދާ ތައްޔާރީތަކާ މެދު ވެސް ތުރްކު ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.

އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 34,183އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,143އަށް އުފުލިފައެވެ.