ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހަވީރު ކުޑަހުވަދުއަށް ވަޑައިގަންނަވާނީ


ނިލަންދެއަތޮޅު ދެކުނުބުރީގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހަވީރު ކުޑަހުވަދުއަށް ވަޑައިގަންނަވާނެއެވެ.

ރައީސް ޔާމީން ކުޑަހުވަދުއަށް ވަޑައިގަންނަވަނީ، އެރަށުގެ ބިން ހިއްކުމާއި މަގު ހެދުން ނިންމުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތާއި އެއަތޮޅު ވާނީ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުކުރެއްވުން ނިންމެވުން ފާހަގަކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. އާބާދީގައި ތިން ހާހެއްހާ ރައްޔިތުން ދިރިއުޅޭ ކުޑަހުވަދުއަކީ ޢުމްރާނީ ގޮތުން ފާހަގަކޮށްލެވޭ ރަށެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖޫންމަހު ފެށްޓެވި އެރަށުގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިހާރު ވަނީ ނިންމަވާފައެވެ. ސަރުކާރުން 18 މަސްދުވަހުގެ ތެރޭގައި ނިންމެވުމަށް އެމްއާރުޑީސީއާ ޙަވާލުކުރައްވައިގެން ހިންގެވި މި މަޝްރޫޢު، އެކުންފުނިން ވަނީ ދިހަވަރަކަށް މަސްދުވަހުގެ ތެރޭގައި ނިންމަވާފައެވެ. އެގޮތުން ރަށުގެ 13 މަގެއް ވަނީ ތާރުއަޅުއްވައި ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާފައެވެ. އޭގެތެރޭގައި ރަށުގެ ބޮޑެތި މައި މަގުތައް ހިމެނެއެވެ.

ކުޑަހުވަދޫގައި ނިންމުން ފާހަގަކުރައްވާ ދެވަނަ މަޝްރޫޢުއަކީ އެރަށުގައި ހިންގެވި ބިންހިއްކެވުމުގެ ބޮޑު މަޝްރޫޢުގެ ނިމުން ފާހަގަކުރެއްވުމުގެ މަޝްރޫޢެވެ. އެގޮތުން ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ވަނީ 40 ހެކްޓަރުގެ ބިން ހިއްކަވާފައެވެ. މިކަމަށް ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވާފައިވެއެވެ. އަދި ހިއްކެވި ބިމުގައި ކުރައްވަމުން ގެންދަވާ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ.

ކުޑަހުވަދުއަށް ވަނީ އެއަތޮޅު ވާނީގެ ރައްޔިތުން ބަދަލުކުރައްވާފައެވެ. ކުޑަހުވަދޫގައި، ވާނީގެ ރައްޔިތުންނަށް ސަރުކާރުން އާޅުއްވައިދެއްވި 53 ހައުސިންގ ޔުނިޓް ނިންމެވުމާއި ވާނީ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުކުރެއްވުމުގެ މަސައްކަތް ނިންމެވުންވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ކުޑަހުވަދުއަށް ކުރައްވާ ޒިޔާރަތުގައި އިޙްތިފާލްކޮށްދެއްވާނެއެވެ.

ކުޑަހުވަދުއަށް ފުރަތަމަ ވާނީގެ ރަށްޔިތުން ބަދަލުކުރައްވާފައިވަނީ ސުނާމީ ކާރިސާއަށްފަހުއެވެ. މިހާރު ވާނީގެ ހުރިހާ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުކުރައްވައި ނިމިފައިވާއިރު، ވާނީގެ 550 އަށްވުރެ ގިނަ ރަށްޔިތުން ކުޑަހުވަދޫގައި ދިރިއުޅެއެވެ. އެފަރާތްތައް ކުރިން އުޅެމުން އައިސްފައިވަނީ ކުޑަހުވަދޫގެ ޢާންމުންގެ ގެތަކުގައި ކުށްޔަށާއި، އެރަށު ދަނާލުގައެވެ. ސަރުކާރުން ވާނީގެ ރައްޔިތުންނަށް ކުޑަހުވަދޫގައި އެޅުއްވި 53 ހައުސިންގ ޔުނިޓްގެ ސަބަބުން އެފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަމެއް ލިބިގެންދާނެއެވެ.

މިހާރުވެސް ކުޑަހުވަދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށްދާއިރު، ސާފު ބޯފެން ފޯރު ކޮށްދިނުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު ކުޑަހުވަދުއަށް ޒިޔާރަތްކުރައްވާއިރު، ކުޑަހުވަދޫ ރައްޔިތުން ރަށުތެރެ ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވުމަށް ތައްޔާރުވެފައެވެ. ރައީސް ޔަމީން މާދަމާ ވަޑައިގަންނަވާނީ ދ.މީދޫއަށާއި، މާއެނބޫދޫގެ އިތުރުން އެއަތޮޅު ބަނޑިދޫއަށެވެ.